16 Aug 2017, 12:56
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށި އިރު ހައްޔަރުކޮށް، ބަންދުގައި ބޭތިއްބުމަށްފަހު ދޫކޮށްލާފައި ތިބި މީހުންނަށާއި ބަންދުގައި މިހާރު ވެސް ތިބި ހުރިހާ މީހުންގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާއިރު ތަހުގީގުގައި ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތައް ނިންމައި، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދައުވާ އުފުލަން ޖެހޭނެ އެވެ. އަދި ހައްޔަރުކޮށް ބަންދުން ދޫކޮށްލާފައިވާ މީހުންގެ މައްސަލަތައް ނިންމައި، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 45 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ޖެހޭނެ ކަމަށް އެ ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ބަންދުކޮށް ދޫކޮށްފައި ތިބި ހުރިހާ މީހުންގެ މައްސަލަތައް ޖުލައި ދެވަނަ ދުވަހާ ހަމައަށް ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފެށި ދުވަހާ ހަމައަށް ބަންދުގައި ތިބި މީހުންގެ މައްސަލަތައް މި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކޯޓުތަކަށް ހުށަހަޅައި ނިމިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައްޔާއި ޝަރީއަތް ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ.