16 Aug 2017, 13:05
ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ ސަރަހައްދީ ފަތުރުވެރިކަމުގެ އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ ޖަޖިން މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ކުރިއަށްދާނީ ރާއްޖެ އިން ނޮމިނޭޓުވެފައިވާ ފަރާތްތަކުގެ ޖަޖިން އެވެ. އެއަށް ފަހު ދެކުނު އޭޝިއާ ސަރަހައްދުން ނޮމިނޭޓުވެފައިވާ އެކި ބްރޭންޑުތަކުގެ އިވެލުއޭޝަން އެގައުމުތަކުގައި ފަށާނެ އެވެ.
އެގޮތުން ރާއްޖޭގެ އިވެލުއޭޝަނަށް ފަހު ސްރީލަންކާ އިން ނޮމިނޭޓުކޮށްފައިވާ ފަރާތްތަކުގެ އިވޭލުއޭޝަން އޮންނާނީ ވެރިރަށް ކޮލޮމްބޯގައި މިމަހުގެ 19 އިން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށް ފަހު ދެކުނު އިންޑިއާ އިން ނޮމިނޭޓުކޮށްފައިވާ ފަރާތްތަކުގެ އިވެލުއޭޝަން 23 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ބެންގަލޫރުގައި ކުރިއަށްދާނެ އެވެ.
އުތުރު އިންޑިއާ ސަރަހައްދުން ނޮމިނޭޓުވެފައިވާ ބްރޭންޑުތަކުގެ އިވެލުއޭޝަން އޮންނާނީ މިމަހުގެ 27 އިން ފެށިގެން 29 ގެ ނިޔަލަށް ނިއުދިއްލީގަ އެވެ. އަދި 29 ވަނަ ދުވަހުން ފެށިގެން ނޭޕާލާއި ބޫޓާނުން ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ އިވެލުއޭޝަން ކުރިއަށް ގެންދާއިރު ސެޕްޓެމްބަރު މަސް ފެށެންވާ އިރު އިވެލުއޭޝަން މަސައްކަތް އެއްކޮށް ނިންމާލާނެ އެވެ.
ސާޓާގެ އޮންލައިން ވޯޓިން މިހާރު ވެސް ހުޅުވާލާފައިވާ އިރު އެ އެވޯޑަށް ސަރައްހައްދުގެ ފަސް ގައުމަކުން ވަނީ ބޮޑެތި ބްރޭންޑުތައް ނޮމިނޭޓުކޮށްފަ އެވެ. އެއާކު މިފަހަރުގެ އެވޯޑަށް 450 އަށް ވުރެ ގިނަ ފަރާތްތައް ވަނީ ނޮމިނޭޓުކޮށްފަ އެވެ.
މިދިޔަ އަހަރު ބޭއްވި އެންމެ ފުރަތަމަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އޮތީ ސްރީލަންކާގެ މަޝްހޫރު މައުންޓް ލެވީނިއާ ހޮޓެލްގަ އެވެ. މިދިޔަ އަހަރުގެ އެވޯޑްސްގައި ދެކުނު އޭޝިއާ ސަރަހައްދުގެ 18 އެވޯޑަކާ އެކު އެންމެ ގިނަ އެވޯޑު ލިބުނީ ދިވެހިރާއްޖެ އަށެވެ. އަދި ވިޒިޓާޒް ޗޮއިސް އެވޯޑްސްގެ ހަތް އެވޯޑުގެ ތެރެއިން ފަސް އެވޯޑެއް ދިވެހިރާއްޖެ އަށް ވަނީ ލިބިފަ އެވެ.
މި އަހަރުގެ ސަޓާ އެވޯޑްސްގައި މައިގަނޑު ގޮތެއްގައި 10 ސެގްމެންޓަކުން 34 މޭޖާ ކެޓަގަރީ ހިމެނޭ އިރު އެވޯޑު ހަފްލާ އޮންނާނީ އައްޑޫ ސިޓީގައި އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅުގަ އެވެ.