މެންޗެސްޓާ ޔުނައިޓެޑަށް 170 މެޗަށް ވުރެ ގިނަ މެޗް ކުޅެދިން ސައުތު ކޮރެޔާގެ ތަރި ޕާކް ޖީ ސުންގު ކޮންޓްރެކްޓަށް ދެ އަހަރު އިތުރުކުރަން ހުށަހަޅާފައިވާ ކަމަށް އެ ކުލަބުން ބުނެފި އެވެ.

އިނގިރޭސި ރިޕޯޓްތަކުގައި ބުނެފައި ވަނީ، ޕާކްގެ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާ އިރު އޭނާ ކްލަބް ބަދަލުކުރަން އުޅޭ ކަމަށް ވާހަކަތައް ކުރިން ފެތުރުނު ކަމަށާއި އެކަމަކު ޕާކްއާ ބެހޭ ގޮތުން ކޯޗް ފާގަސަން ދެއްކި ވާހަކަތަކާ އެކު މެންޔޫގައި އޭނާ މަޑުކުރާނެ ކަމަށެވެ. އަލުން މެންޔޫގައި ޕާކް މަޑުކުރާނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތެއްގައި ކަމަށް ވެސް ރިޕޯޓްތަކުގައި ބުނެފަވެ އެވެ.

ކޯޗް ފާގަސަން ބުނީ، ޕާކް ޖީ ސުންގް އަކީ ހިތް ވަރު ކުރާ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ކުރި މަގު ދެން ފެންނާނީ ވެސް މެންޔޫ އިން ކަމަށެވެ. އެކަން ކުރިއަށް އޮތް ތާގައި ފެނުނުކަމުގައި ވީނަމަވެސް، ފަހަތަށް ބަލާލިޔަސް ފެން ނަން އެބަހުރި ކަމަށް ފާގަސަން ވަނީ ބުނެފަ އެވެ.

އުމުރުން 30 އަހަރުވެފައިވާ ޕާކް މެންޗެސްޓާ ޔުނައިޓެޑްގައި މަޑުކުރި 6 އަހަރުގެ ތެރޭގައި އެ ޓީމަށް ޗެމްޕިއަންސް ލީގާއި ހަތަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި އެހީތެރިވެދީފަ އެވެ.

މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ޕާކްއަށް އަންނަ ސީޒަންގައި އެ ކުޅުން ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް އަދި ޕާކްގެ ރަސްމީ ބަހެއް މީޑިއާގައި އިވިފައެއް ނުވެ އެވެ. އެގޮތުން މެންޔޫގައި ކުރިއަށް އޮތް ދުވަސްތަކުގައި މަޑުކުރާނީތޯ ނުވަތަ ނޫންތޯ ވެސް އަދި ޕާކް ރަސްމީކޮށް ހާމަކޮށްފައި ނުވާކަމަށް ރިޕޯޓްތަކުން ބުނެ އެވެ.