އެމްއެމްއޭގެ ގަވަރުނަރުކަމުގައި ހުންނެވި ޑރ. އަޒީމާ އާދަމް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އަޒީމާ އިސްތިއުފާ ދެއްވައި އެކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ މިއަދު އެމްއެމްއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހުރިހާ މީޑިއާތަކެއްގެ ކުރިމަތީގަ އެވެ.

އަޒީމާ ވިދާޅުވީ އެކަމަނާ މަގާމުން އިސްތިއުފާ ދެއްވަނީ ފިރިކަލުން ރާއްޖެ އިން ކަނޑައަޅުއްވާ ޔޫއެންގެ ސަފީރަކަށް އައްޔަން ކުރުމާ ގުޅިގެން އާއިލާ ރާއްޖެ އިން ބޭރަށް ބަދަލު ވާތީ ކަމަށެވެ.

އަދި ގަވަރުނަރު ކަމުގެ މަގާމުގައި ހުންނަވައިގެން ރާއްޖެ އިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވުމަކީ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ އިސްތިއުފާދެއްވަނީ ކަމަށް އަޒީމާ ވިދާޅުވި އެވެ.

އަޒީމާ ވިދާޅުވީ ގަވަރުނަރުކަމުގެ ވަޒީފާއަކީ އޭނާ އެންމެ އަދާކުރަން ބޭނުންވި ވަޒީފާ ކަމަށެވެ.

"އަޅުގަނޑު ވަޒީފާ އިން ވަކިވެގެން މިދަނީ އަޅުގަނޑުގެ މަސައްކަތުން އެމްއެމްއޭ އަށާއި ދިވެހި ސަރުކާރަށާއި ދިވެހި ދައުލަތަށާއި އަދި ދިވެހި ރައްޔިތުންނަށް ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ހިދުމަތެއް ކޮށްދީ ފައިދާއެއް ހޯދައިދެވުނުކަން ގަބޫލުކޮށް އެކަމުގެ އުފާވެރި އިހުސާސްތަކާ އެކު، އެ ހިތްހަމަޖެހުމާ އެކު،." އަޒީމާ ވިދާޅުވި އެވެ.

އަޒީމާ ވިދާޅުވީ އެކަމަނާގެ ގަވަރުނަރުކަމުގެ ދަށުން އެމްއެމްއޭގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތެއް ކަމަށްވާ ޕްރައިސް ސްޓެބިލިޓީ ހިފެހެއްޓުމަށް ޓަކައި އެކަށީގެންވާ ހަރުދަނާ މަނިޓަރީ ސިޔާސަތެއް އެކުލަވާލާފައިވާނެ ކަމަށެވެ. އަދި ފޮރިން އެކްސްޗޭންޖް މާކެޓްގެ ހަމަޖެހުން ގެނުވައި ރުފިޔާގެ އަގު ހިފެހެއްޓިފައިވާ ކަމުގެ ހިތްހަމަޖެހުން ލިބޭ ކަމަށް އަޒީމާ ވިދާޅުވި އެވެ.

ހަމަ އެއާ އެކު ރާއްޖޭގެ މާލީ އިދާރާއަށް ކުރިއެރުންތަކެއް ގެނެސްދެވުނު ކަމުގެ ހިތްހަމަޖެހުން މިއަދު މަގާމުން އިސްތިއުފާ ދެއްވާ އިރު ލިބިވަޑައިގަންނަވާ ކަމަށް އަޒީމާ ވިދާޅުވި އެވެ.

"މާލީ ނިޒާމުގެ ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި ގާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާ ކުރެވިފައިވާ ކަމުގެ ހިތްހަމަޖެހުން. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޓަކައި ކްރެޑިޓް ގެރެންޓީ ސުކީމެއް ކާމިޔާބު ކަމާއެކީ ގެންދެވުނު ކަމުގެ ހިތްހަމަޖެހުން،" އަޒީމާ ވިދާޅުވި އެވެ.

ދިވެހި ރުފިޔާގެ އާ ނޫޓު ސީރީޒެއް ސަލާމަތީ ސިފަތައް ވަރުގަދަކޮށް ނެރެވުމަކީ ވެސް ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށް އަޒީމާ ވިދާޅުވި އެވެ. އަދި އެ ފަހުރާއި ޝަރަފު ލިބިގަންނަނީ އުފަލާ އެކު ކަމަށް އަޒީމާ ވިދާޅުވި އެވެ.

އަޒީމާގެ މަސައްކަތުގައި އެހީތެރިވެދީ ހުރިހާ ކަމެއްގައި ބައިވެރިވި ހުރިހާ މުވައްޒަފުންނާއި އެމްއެމްއޭގެ ބޯޑު މެމްބަރުންނާއި މާލީ ދާއިރާތަކުގެ ވެރިންނަށް އަޒީމާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އަޒީމާ ގަވަރުނަރު ކަމަށް އައްޔަންކުރައްވާފައި ވަނީ 2014 އޭޕްރީލް 14 ވަނަ ދުވަހު އެވެ.