ޖިއްދާ (އޮގަސްޓް 16): ޖިއްދާގެ އަލް ބަލަދު ޑިސްޓްރިކްޓުގައި ހުރި ތިން އިމާރާތެއްގައި ރޯވުމުގެ ސަބަބުން އެއިމާރާތުގައި ތިބި މީހުން ނެރެފި ކަމަށް ސައުދީ އަރަބިއާގެ އޮފިޝަލުން ބުނެފި އެވެ.

އަލް ބަލަދުގެ މޭޔަރު ސަމީ ނަވާރު ވިދާޅުވި ގޮތުގައި އިއްޔެގެ ހަވީރުގެ ވަގުތެއްގައި ރޯވި އެއަލިފާން ގަނޑުގެ 80 ޕަސެންޓް ވަނީ ރޭ 10 ޖެހި އިރު ނިއްވާލާފަ އެވެ. ނަމަވެސް އަލިފާނުން ލިބުނު ގެއްލުމުގެ ސަބަބުން އެއް އިމާރާތް ވެއްޓިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

މައްކާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު ކާނަލް ސައީދު ސަރުހާން ވިދާޅުވި ގޮތުގައި އަލިފާން ނިއްވުމާއި، އެސަރަހައްދުގައި ތިބި މީހުން ސަލާމަތީ ސަރަހައްދުތަކަށް ގެންދިޔުމުގެ މަސައްކަތް އަދި ވެސް ކުރިއަށް އެބަދެ އެވެ.

އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނާ އިރު، ފުލުހުން ވަނީ އެއިމާރާތްތަކުގައި ރޯވާން މެދުވެރިވި ސަބަބު ތަހުގީގު ކުރަން ފަށައިފަ އެވެ. (އަރަބްނިއުސް)