16 Aug 2017, 09:48
ރާއްޖެއާއި އިންޑިއާގެ ގުޅުން އަބަދުގެ އަބަދަށް ވެސް އޮންނާނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާވައިފައިވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.
އިނގިރޭސިންގެ އަތްދަށުން އިންޑިއާ މިނިވަންވިތާ 70 އަހަރު ފާހަގަ ކުރުމަށް ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އަކިލޭޝް ވިދާޅުވީ ރާއްޖެއިން އިންޑިއާއަށް ދޭ އެއްބާރުލުމާއި ބަހައްޓާ ހިތްހެޔޮކަން އިންޑިއާއިން އަބަދުވެސް އަގު ވަޒަންކުރާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިވެދީ، ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް އިސްކަން ދޭނެ ކަމަށާ އަދި މި ދެ ގައުމުގެ ގުޅުން އަބަދުގެ އަބަދަށް ވެސް ދެމި އޮންނާނެ ކަމަށެވެ.
15 އޮގަސްޓް 2017: އިންޑިއާގެ 70 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ބިލަބޮންގު ހައި އިންޓަނޭޝަނަލް ސުކޫލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ރަސްމިއްޔާތުގައި އިންޑިއާގެ ސަގާފީ ލަވަ ތަކާއި ނެށުންތައް ދައްކާލާފައިވެ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އަކިލޭޝްގެ ވާހަކައިގައި ވަނީ މަހާތުމާ ގާންދީ ފެއްޓެވި "ކުއިޓް އިންޑިއާ މޫވްމަންޓް" ގެ 75 ވަނަ މުނާސަބަތާ ގުޅިގެން 2022 ވަނަ އަހަރު އަންނައިރު އާ އިންޑިއާއެއް ވުޖޫދަށް ގެނައުމަށްޓަކައި ކަނޑައަލައިފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް، އިންޑިއާގެ ހުރިހާ ރައްޔިތުން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި އިންޑިއާގެ ރައްޔިތުން، ކޮންމެ ތަނެއްގައި ތިބި ނަމަވެސް ފަގީރުކަމާއި، ކޮރަޕްޝަނާއި، ޓެރެރިޒަމް ނައްތާލައި އަމާޒަށް ވާސިލްވުމަށްޓަކައި ޒިންމާތަކެއް ވާކަމަށް ވިދާޅުވިއެވެ.
އަކިލޭޝް ވަނީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި އަދި ދިވެހިން އެއްވެސް ކަމެއް ބޭނުންވެއްޖަނަމަ އިންޑިއާގެ އެމްބަސީއަށް އައުމަށް ފަސްނުޖެހުމަށް އެދިވަޑައިގެންފައެވެ.
އިންޑިއާގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ބިލަބޮންގުގައި ބޭއްވި ޚާއްސަ ސަގާފީ ޝޯގައި ވަނީ އިންޑިއާގެ ތަފާތު އެކިއެކި ސަގާފީ ނެށުންތަކާއި ލަވަތައް ދައްކައިލައިފައެވެ.
ރޭގެ ރަސްމިއަޔާތުގައި ރާއްޖޭގައި މަސައްކުރާ އިންޑިއާގެ ރައްޔިތުންނާއި، ރާއްޖޭގެ ބައެއް ޖަމިއްޔާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
15 އޮގަސްޓް 2017: އިންޑިއާގެ 70 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ބިލަބޮންގު ހައި އިންޓަނޭޝަނަލް ސުކޫލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ރަސްމިއްޔާތުގައި އިންޑިއާގެ ސަގާފީ ލަވަ ތަކާއި ނެށުންތައް ދައްކާލާފައިވެ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އިންޑިއާ އިނގިރޭސިންގެ އަތްދަށުން މިނިވަން ވެފައިވަނީ 1947 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.