ދިރާގު އަދި ޔޮންޑާ މިއުޒިކް ގުޅިގެން ވިހި މިލިއަނަށް ވުރެ ގިނަ ލަވަ އެކުލެވޭ މިއުޒިކް އެޕްލިކޭޝަން "ޔޮންޑާ މިއުޒިކް" ދިވެހި ލަވަތައް ހިމަނައިގެން ރާއްޖެ އަށް ތައާރަފް ކޮށްފި އެވެ.

ރޭ ޝެރަޓަން، ފުލްމޫން ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އެ އެޕްލިކޭޝަން ތައާރަފުކޮށްދެއްވީ ޔޮންޑާ މިއުޒިކްގެ ސީއީއޯ އެޑަމް ކިޑްރޮން އާއި ދިރާގްގެ ޗީފް މާކެޓިން އޮފިސާ އިޒަބެލް ހަޖްރީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، އެ އެޕްލިކޭޝަން މެދުވެރިކޮށް ދިވެހި ލަވަކިއުންތެރިންގެ ލަވަތައް އާންމުންނާ ހަމައަށް ފަސޭހަކަމާ އެކު ގެނެސްދޭނެ ކަމަށެވެ. އަދި ޔޮންޑާ މިއުޒިކާ ގުޅިގެން ލަވަކިއުންތެރެއިންގެ އުފެއްދުންތައް އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޔޮންޑާ މިއުޒިކްގެ ސީއީއޯ އެޑަމް ކިޑްރޮން ވިދާޅުވީ، ރާއްޖެ އައިސް ދިވެހި މިއުޒިކްގެ ދާއިރާއަށް ބަލާލުމުން ފެނުނީ ދިވެހިންގެ ހުނަރުވެރިކަމާއި ހޯދައިފަވާ ކުރިއެރުންތައް ކަމަށެވެ. އަދި ދިވެހި ލަވަކިއުންތެރިންނަށް މިކަމުގައި އޮތް ގޮންޖެހުމަކީ އެކަށީގެންވާ އާމްދަނީ އެއް ނުލިބުން ކަމަށެވެ.

ރޭ ތައާރަފް ކުރި "ޔޮންޑާ މިއުޒިކް" އެޕްލިކޭޝަން މެދުވެރިކޮށް ހިލޭ ލަވަތައް އަޑު އަހާލަން ލިބުނުކަމުގައި ވިޔަސް ލަވަކިއުންތެރިންނަށް އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ކަމަށް އެޑަމް ކޮޑްރޮން ވިދާޅުވި އެވެ. އެގޮތުން އެޕް ފަރުމާކޮށްފައި ވަނީ ލަވަ ސްޓީމްކުރާ ކޮންމެ ފަހަރަކު އެ ލަވައެއް ކިޔާފައިވާ ފަންނާނަށް "ޓިޕެއް" ލިބޭ ގޮތަށް ކަމަށް އެޑަމް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޒީރޯ ޑްގްރީ ނާޝިދު އަށް ޓްރިބިއުޓް ލަވައެއް ވަނީ ދައްކާލައިފަ އެވެ. އެއީ ޒީރޯ ޑިގްރީ ނާޝިދުގެ "ތަކުރަށް ބަހެއް" އެ ލަވަ އެވެ. އެ ލަވަ ޕްރަޑިއުސްކޮށްފައި ވަނީ ހޮލީވުޑްގެ މަޝްހޫރު ލަވަ ޕްރޮޑިއުސަރު މިސްޓަރު ހަޑްސަން އެވެ. ލަވަ ކިޔާފައި ވަނީ ރާއްޖޭގެ ބައެއް މޮޅެތި ލަވަކިޔުންތެރިންނެވެ.

"ޔޮންޑާ މިއުޒިކް" އެޕްލިކޭޝަން މިހާރު އައިއޯއެސް އަދި އެންޑްރޮއިޑްގެ ފޯންތަކަށް ވެސް ލިބެން ހުންނާނެ އެވެ.