15 Aug 2017, 20:57
އިންޑިއާގައި ބޭއްވި އެގްޒޯޓިކް ވެޑިން ޕްލޭނިން ކޮންފަރެންސް (އީޑަބްލިއުޕީސީ)ގައި ރާއްޖޭގެ ވެޑިން ސްޕެޝަލިސްޓެއް ކަމަށްވާ އިކެބާނާ އިވެންޓްސްއަށް ރަން އެވޯޑެއް ލިބިއްޖެ އެވެ.
އެ އެވޯޑާއެކު އެކިބާނާ ވެގެން ގޮސްފައި ވަނީ ބައިނަލްއަގްވާމީ ވެޑިން އެވޯޑެއް ރާއްޖެއަށް ގެނެސްދިން ފުރަތަމަ ފަރާތަށެވެ.
އިންޑިއާގެ ގޯއާގައި އޮގަސްޓް 3-4 އަކަށް ބޭއްވި އީޑަބްލިއުޕީސީގެ އިންޑިއަން އެޑިޝަންގައި އިކެބާނާ އަށް ވަނީ ބެސްޓް އެކްސްޕެރިމެންޓަލް ވެޑިން އެވޯޑު ލިބިފަ އެވެ. އެ އެވޯޑް އިކެބާނާއަށް ލިބުނީ، އޮޒެން ބައި އެޓްމޮސްފިއާ ރިސޯޓުގައި ހެދި ވެޑިން ސެޓަޕަކަށެވެ.

އިކެބާނާ އިން ތައްޔާރުކޮށް ބަންޔަން ޓްރީ ވައްބިންފަރުގައި ބޭއްވި އެކްސްކުލޫސިވް ކައިވެނި ހަފްލާއެއްގެ ފޮޓޯއެއް --- ފޮޓޯ/ އިކެބާނާ
އެ އެވޯޑާ އެކިބާނާގެ ފަރާތުން ހަވާލުވީ ކުންފުނީގެ ފައުންޑަރު އަދި މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ނާޝިދުގެ އިތުރުން މާކެޓިން މެނޭޖަރު މުހައްމަދު ނާއިޒު އަދި އިވެންޓްސް މެނޭޖަރު ޝައްފާން ސައީދެވެ.
އެންގޭޖްމަންޓް ޕާޓީތަކާއި ވެޑިން ހަފްލާތަކުން ފެށިގެން އެކިކަހަލަ އެވޯޑް ހަފްލާ ތަކާއި ކޮންފަރެންސްތައް އަދި އެކިކަހަލަ ރަސްމިއްޔާތުތައް ވެސް ތައްޔާރު ކޮށްދިނުމުގައި ރާއްޖޭގެ ނަގާ ކިޔާ ކުންފުނިތަކާ ވާދަ ކުރަމުން އަންނަ އިކެބާނާގެ މަސައްކަތް ފެށިފަހުން އަދިވީ އެންމެ ފަސް އަހަރެވެ.
ޑެސްޓިނޭޝަން ވެޑިން ނުވަތަ ރިސޯޓްތަކުގައި ބާއްވާ އެކިކަހަލަ ހަފްތާތައް ތައްޔާރު ކުރަން އެ ކުންފުނިން ފެށީ މީގެ ދެ އަހަރު ކުރިންނެވެ.
ނަމަވެސް ތިރީސްފަސް އަހަރަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ މާ ވިއްކާ ފަރާތްތަކާއި ވެޑިން ސްޕެޝަލިސްޓުންނާއެކު ހިންގަމުން އަންނަ އިކެބާނާގެ ކުރު މުއްދަތުގެ ތެރޭގައި އެ ފަރާތުން ވަނީ ގިނަ ބައެއްގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު ލަގްޒަރީ ރިސޯޓްތަކުގެ ޔަގީންކަމާ އިތުބާރު ހޯދާފައެވެ.

އިކެބާނާ އިން ނަންތަރާ ވެލި އަދި ނަލަދު ޕްރައިވެޓް އައިލެންޑުގައި ޖަންގަލި ތީމްއަކަށް ހެދި ކައިވެނި ހަފްލާގެ ތެރެއިން --- ފޮޓޯ/ އިކެބާނާ
އެގޮތުން އިކެބާނާ އިން ހެދި ބައެއް ހަފްލާތަކުގެ ތެރޭގައި ޝަންގްރި ލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގައި ބޭއްވި ޗައިނާގެ މަޝްހޫރު ދެ ތަރިއެއްގެ ކައިވެނި ހަފްލާ އާއި އަނަންތަރާ ވެލި އަދި ނަލަދު ޕްރައިވެޓް އައިލެންޑުގައި ޖަންގަލި ތީމްއަކަށް ހެދި ކައިވެނި ހަފްލާ ފާހަގަކޮށްލެވެއެވެ.
އިންޑިއާގައި ބޭއްވި އީޑަބްލިއުޕީސީގެ ހަތަރު ވަނަ އެޑިޝަންގައި 130 އަށްވުރެ ގިނަ އިންޑިއާގެ ތަޖުރިބާކަރު އަދި ފުންނާބު އުސް ވެޑިން ޕްލޭނާސްގެ އިތުރުން ދުނިޔޭގެ އެކިކަން ކޮޅުތަކުން 40 އަށްވުރެ ގިނަ ވެޑިން ސްޕެޝަލިސްޓުން ބައިވެރިވި އެވެ.
އީޑަބްލިއުޕީސީގެ އެވޯޑް ހަފްލާގައި ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެންމެ އުފެއްދުންތެރި އަދި އެންމެ ތަފާތު ގޮތަކަށް ވެޑިން ސެޓަޕް ހަދާފައިވާ ފަރާތްތައް ފާހަގަކޮށް ޖުމްލަ ހަތް އެވޯޑެއް ދީފައިވެ އެވެ.