އޮސްލޯ (ޖުލައި 23) : ނޯވޭގެ ވެރިރަށް އޮސްލޯގައި އިއްޔެ ހަވީރު ގޮއްވާލި ބޮމާއި އެއަށްފަހު އެޤައުމުގެ އޮޓޯޔާ ޖަޒީރާގައި ފުލުހުންގެ ހެދުން ލައިގެންހުރި މީހަކު ދިން ބަޑީގެ ހަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު 91 ށް އަރައިފިއެވެ.

އިއްޔެ ހަވީރު ބޮންގޮއްވާލާފައިވަނީ އޮސްލޯގެ މެދުތެރޭ ހިސާބެއްގައިވާ މަގެއްގައެވެ. ބޮމުގެ އެޙަމަލާގައި 7 މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވިއެވެ. އެއަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި އޮސްލޯގެ ހުޅަނގު އުތުރުގައިވާ އޮޓޯޔާ ޖަޒީރާގައި ފުލުހުންގެ ހެދުން ލައިގެންހުރި މީހަކު ވަކިގޮތެއް ނުބަލައި ދިން ބަޑީގެ ޙަމަލާތަކެއްގައި މަރުވި މީހުންގެ ޢަދަދުވަނީ 84 ށް އަރާފައެވެ.

މިޙަމަލާތަކުގައި އިތުރު ބަޔަކު ޒަޚަމްވެސް ވެފައިވެއެވެ. އޮޓޯޔާގައި ބަޑީގެ ޙަމަލާތައް ދީފައިވަނީ ނޯވޭގެ ލޭބަރޕާޓީގެ ޒުވާނުންގެ ގޮފީގެ ބައްދަލުވުމެއް އެޖަޒީރާގައި ކުރިޔަށް ދިޔަވަގުތު އެބައްދަލުވުމުގެ ބައިވެރިންނަށް އަމާޒުކޮށެވެ. އެހެންކަމުން ބަޑީގެ ޙަމަލާތަކުގައި ގިނައިން މަރުވެފައިވަނީ ލޭބަރޕާޓީގެ ޒުވާނުންގެ ގޮފީގެ ބައްދަލުވުމުގައި ބައިވެރިވި ޒުވާނުން ކަމަށް ފުލުހުން ބުނެއެވެ.

މިދެޙަމަލާގެ ފަހަތުގައިވެސް ވާކަމަށް ޝައްކު ކުރެވިފައިވަނީ ނޯވޭގެ ކަނާތުފިޔައިގެ ހައްދުފަހަނަޅާފައިވާ ނަސާރާ ޖަމާއަތްތައް ކަމަށް އެޤައުމުގެ މީޑިޔާ ބުނެއެވެ. ބޮޑުވަޒީރު ޔެންސް ސްޓޮލެންބަރގް ވަނީ އެޤައުމަކީ ޔޫރަޕްގެ އެހެންޤައުމުތަކަށްވުރެ ކަނާތު ފިޔަިއގެ ހައްދުފަހަނަޅާފައިވާ ނަސާރާ ޖަމާޢަތްތަކުގެ މައްސަލަބޮޑު ޤައުމެއް ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

ނަމަވެސް މިޙަމަލާތައް ދިނުމުގެ ފަހަތުގައިވާ ފަރާތްތަކާއި އެޙަމަލާތަކަށް މަގުފަހުވާ ކަމަށް ބެލެވޭ ސަބަބުތަކާބެހޭގޮތުން ވަކިއެއްޗެއް ބުނަން އަދި ނޭންގޭ ކަމަށް އޭނާ ވިދާޅުވިއެވެ. މަންޒަރުދުށް މީހުން ބުނާގޮތުން އޮޓޯޔާ ޖަޒީރާގައި ބަޑީގެ ޙަމަލާތައް ދީފައިވަނީ ފުލުހުންގެ ހެދުމުގައިހުރި ނޯވޭ ދަރިކޮޅުގެ ދޮންމީހެކެވެ.

އޮސްލޯގެ މެދުތެރޭގައި ދިން ބޮޑުގެ ހަމަލާގައި ބޮޑުވަޒީރުގެ އޮފީހަށާއި މާލީ ވުޒާރާއަށާއި ތެލާބެހޭ ވުޒާރާގެ ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ނަމަވެސް ބޮންގޮއްވާލި ވަގުތު ބޮޑުވަޒީރު ސްޓޮލެންބާރގް އޭނާގެ އޮފީހުގައި ނޫޅުއްވާ ކަމަށް ޚަބަރު ލިބެއެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ނޯވޭއަށް ކުރިމަތިވި އެންމެ ބޮޑު ދެ ޙަމަލާ ކަމަށް އެޤައުމުން ބުނެއެވެ. (ރޮއިޓާސް+އަލްޖަޒީރާ)