15 Aug 2017, 14:57
ޒަމާނުންސުރެ ސަގާފީ ކުޅިވަރެއްގެ ގޮތުގައި ދިވެހިންގެ ތެރޭގައި ކުޅެވެމުން އައި "ފައިގަ ތަޅާ" ޒަމާނީކޮށް، އެ ކުޅިވަރު ގައުމީ ފެންވަރެއްގައި، މުބާރާތެއްގެ ސިފައިގައި ކުޅެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު އަބްދުއްރައްޒާގް ވިދާޅުވެއްޖެއެވެ.
"ސަން ސްޕޯޓްސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައްޒާގު ވިދާޅުވީ ސަގާފީ ކުޅިވަރުތައް ދިރުވާ އާލާ ކުރުމަކީ އެ ކޯޕަރޭޝަނުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެގޮތުގެމަތިން ފައިގަ ތަޅާއަކީ ގައުމީ ފެންވަރެއްގައި ކުޅެވިދާނެ ކުޅިވަރެއް ކަމަށް ގަބޫލު ކުރެވޭތީ އެކަން ކުރުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިވެހިންގެ ތެރޭގައި އެންމެ ޒަމާނުންސުރެ އެ ކުޅިވަރު ކުޅެމުން އައިގޮތް ބަދަލުނުކޮށް އެ ކުޅިވަރު ޒަމާނީކޮށް ގައުމީ ފެންވަރެއްގައި ކުޅެވޭނެ ގޮތް ހެދުމަށް މިހާރު މަސައްކަތް ކުރަމުންދާއިރު ކުޅިވަރުގެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ކުޅިވަރު ކުޅޭނެ މައިދާންވެސް ޑިޒައިންކޮށް ނިންމާފައިވާކަމަށް ރައްޒާގު ވިދާޅުވިއެވެ.
އެ ކުޅިވަރަކީ ދެ ޖިންސުގެ މީހުންނަށްވެސް ކުޅެވޭ ކުޅިވަރެއް ކަމަށްވާތީ ފޯރިއާ އެކު އެ ކުޅިވަރު ދިވެހިންގެ ތެރޭގައި ދިރުވާ އާލާ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައްޒާގު ވިދާޅުވިއެވެ.
ޒާމުންސުރެ ދިވެހީންގެ ތެރޭގައި ކުޅެމުން އަންނަ ފައިގަ ތަޅާއަކީ ބައެއް ގައުމުތަކުގައި ކުޅޭ "ޑޮޖް ބޯލް" އާ ވަރަށް އެއްގޮތް ކުޅިވަރެކެވެ.