15 Aug 2017, 14:52
ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން އަޑުއިވުމުން މަހުރޫމްވެފައިވާ މީހުން ހިމަނައިގެން ފުޓްބޯޅަ ޓީމެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑައިރެކްޓަރު އަބްދުއްރައްޒާގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސްޕޯޓްސް ކޯޕަރޭޝަނުން މި އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކާ އަދި ކުރިއަށް ރޭވިފައި ހުރި މަސައްކަތް ތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޒާގު ވިދާޅުވީ "ލެޓްސް ޕްލޭ" ގެ ނަމުގައި އެ ކޯޕަރޭޝަނުން އިސްނަގައިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް ހާއްސަކޮށްގެން ފުޓްބޯޅަ ޓީމެއް އުފެއްދުމުގެ މަސައްކަތް ކުރިއަށްދަ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު މި މަސައްކަތް ކުރަނީ ޑެފް އެސޯސިއޭޝަނާ ގުޅިގެން އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް ހާއްސަ ފުޓްބޯޅަ ޓީމެއް ހެދުމަށް. އެ މަސައްކަތް ކުރިއަށް އބަދޭ ވަރަށް އަވަހަށް އެ ޓީމް ވުޖޫދަށް އަންނާނެ،" ރައްޒާގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ ޓިމެއް އެކުލަވާ ލުމުގެ މަސައްކަތް ކުރަނީ މާތް މަގްސަދެއްގެ ތެރެއިން ކަމަށާއި ބޭނުމަކީ ކޮންމެ ކުއްޖަކަށްވެސް ކުޅިވަރު ކުޅުމުގެ ފުރުސަތު ދިނުން ކަމަށެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ ހުނަރުން ފުރިފައިވާ ބައެއް ކަަމުން އެ ކުދިންނަށް ހުރިހާ ކުޅިވަރަކުންވެސް ފުރުސަތު ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރުސަތު ދޭން ޖެހޭ. އެއީ ކޮންމެހެން ވެސް އިސްކަމެއް ދީގެން ސްޕޯޓްސް ކޯޕަރޭޝަނުން ކުރާނެ ކަމެއް،"ރައްޒާގް ވިދާޅުވިއެވެ.
ސްޕޯޓް ކޯޕަރޭޝަނުން ކުރިއަށް ގެންދާ "ލެޓްސް ޕްލޭ" ހަރަކާތުގެ ތެރެއިން ކުރިއަށްވެސް ގިނަ ކަންކަން ރޭވިފައި އެބަހުރި ކަމަށާއި އެކަންކަން ވެގެންދާނީ ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭ ހަރަކާތަކަށް ކަަމަށް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަނުން ރާއްޖޭގައި ބޭއްވި ފުރަތަމަ ޓީމް ދުވުން "ފައިވް ކޭ ޓީމް ރަން" ގައިވެސް ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބައިވެރި ކޮށްފައެވެ.