ހުޅުމާލޭ އަތިރިމައްޗާ ކައިރިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ]އެޗްޑީސީ[ އިއުލާން ކުރި 114 ގޯއްޗަށް 448 ފަރާތަކުން ބީލަން ހުށަހަޅާއިފި އެވެ.

އެޗްޑީސީން ބުނީ އަތިރިމައްޗާ ކައިރިން ވިއްކުމަށް އިއުލާންކުރި ގޯތި ގަތުމަށް 510 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، ބީލަން ހުށަހަޅާފައި ވަނީ 448 މީހުން ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށް ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އަކަފޫޓަކަށް 600ރ. އިން ފެށި ބީލަމަށް، މަތީ އަގެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އަކަފޫޓަކަށް 3100ރ. ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނީ ހުޅުމާލެ އިން މިހާރު ވިއްކާ ގޯތިތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި ގޯތީގެ ޖުމްލަ އަގުގެ 20 ޕަސެންޓް، ބީލަން ކާމިޔާބުކުރިކަން އަންގާތާ ހަތް ދުވަހުގެ ތެރޭގައި އިންސްޓޯލްމަންޓަކަށް ބަހާލައިގެން ކަނޑައެޅޭ އުސޫލަކުން ދެއްކި ދާނެ ކަމަށެވެ. އަދި އެ ހަތް ދުވަހުގެ ތެރޭގައި 20 ޕަސެންޓް އެއްކޮށް ވެސް ދެއްކިދާނެ ކަމަށާއި ބާކީ 80 ޕަސެންޓް ފައިސާ ބިމުގެ ޖުމްލަ ފައިސާގެ ދިހަ ޕަސެންޓް އިންޓަރެސްޓާ އެކު ދިހަ އަހަރު ތެރޭގައި ދެއްކި ދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނީ އަތިރިމައްޗާ ކައިރިން ވިއްކާ ގޯތިތަކުގެ ބޮޑުމިނުގައި 1224 އަކަފޫޓާއި 1707 އަކަފޫޓު ހުންނާނެ ކަމަށެވެ.

އެ ގޯތިތަކަށް ހުށަހެޅި އެންމެ ދަށް އަގަކީ އަކަފޫޓަކަށް 630 ރުފިޔާ އެވެ.

ނީލަމުގައި ވިއްކާ 114 ގޯއްޗަށް ބީލަން ހުށަހަޅާފައިވާ ރޭޓްތަކަށް ބަލާ އިރު ދަށްވެގެން އަކަފޫޓުކަށް 1900 ރުފިޔާގެ ރޭޓުން އަގު ހުށަހަޅާފައިވާ ފަރާތްތަކަށް ގޯތި ލިބުމުގެ ފުރުސަތު ތަނަވަސްވާނެ އެވެ.