15 Aug 2017, 13:11
އައިޖީއެމްއެޗްގެ އާ އިމާރާތުގެ ގޮތުގައި އަޅާ 25 ބުރީގެ އިމާރާތަށް "ދަރުމަވަންތަ ހޮސްޕިޓަލް"ގެ ނަމުން ނަންދޭން ސަރުކާރުން ނިންމައިފި އެވެ.
އެ އިމާރާތަށް ކިޔާނީ ދަރުމަވަންތަ ހޮސްޕިޓަލުކަން ސަރުކާރުން ރަސްމީކޮށް އިއުލާނު ކޮށްފައި ނުވި ނަމަވެސް ރައީސް ޔާމީން ރޭ ދެއްކެވި ވާހަކަ ފުޅުގައި އެ އިމާރާތަށް ނިސްބަތް ކޮށް ވިދާޅުވެފައި ވަނީ އެއީ ދަރުމަވަންތަ ހޮސްޕިޓަލު ކަމަށެވެ.
ޕީޕީއެމްގެ ކެމްޕޭން ޖަގަހަ "ރުމާލު 2" ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިއްހީ ހިދުމަތް ދޭ 25 ބުރީގެ އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށެވެ.
"ދަރުމަވަންތަ ހޮސްޕިޓަލު މި އަންނަ އަހަރު މެދެއްހާ ހިސާބުގައި ހުޅުވިގެން ދާނެ،"ރައީސް ޔާމީން ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ނަމުން އައިޖީއެމްއެޗްގެ އާ އިމާރާތަށް ނަންދިން ގޮތާ ބެހޭ ގޮތުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.
ނިހާން ވިދާޅުވީ ދަރުމަވަންތަ ރަސްގެފާނަކީ ދިވެހިން ފަހުރުވެރިވާ ބޭފުޅެއް ކަމަށާއި އެހެންކަމުން އެ ނަން ވެގެންދާނީ ދިވެހިރާއްޖޭގެ އެންމެ ޝަރަފުވެރި ނަމަށް ކަމަށެވެ.
ދަރުމަވަންތަ ރަސްގެފާނަކީ ރާއްޖެ އިސްލާމު ކުރެއްވި ރަސްގެފާނުގެ ގޮތުގައި ފާހަގަކުރެވިގެންދިޔަ ބޭފުޅެކެވެ. އަދި އިސްލާމީ ދައުލަތެއް ރާއްޖޭގައި ބިނާ ކުރެއްވީ ދަރުމަވަންތަ ރަސްގެފާނެވެ.