އާއިލާގެ ތެރެއިން ކުޑަކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަން ފޯރުކޮށް ނުދޭތީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަންޖެހޭ ކުދިންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށް ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ކުޑަކުދިންނާ ގުޅުންހުރި އެކި މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް މިއަދު ފެށި މަހާސިންތާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުންދާއިރު މިއަދު ވެސް އެތައް ކުޑަކުދިންނެއް އަނިޔާ ތަހައްމަލު ކުރަމުންދާ ކަމީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކިކަހަލަ އަނިޔާތަކުގެ 600 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާއިރު، ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާ ތަހައްމަލު ކުރަމުންދާ ކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުޑަކުދިންނަށް ގިނައިން އަނިޔާތައް ލިބެނީ މައިބަފައިންނާއި އާއިލާ ނުވަތަ ގާތް މީހެއްގެ ފަރާތުން. އޭގެ އިތުރުން އެކިކަހަލަ ކުށްތައް ކުރުމަށްޓަކާ ކުޑަކުދިންގެ ނާޖާއިޒް ފައިދާ ނަގާ މީހުންގެ މައްސަލަތައް ހިމެނޭކަމީ ކަންބޮޑުވާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ޒެނީޝާ ވިދާޅުވީ، އާއިލާގެ ތެރެއިން ކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަން ފޯރުކޮށް ނުދެވޭތީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު އިތުރުވަމުންދާއިރު ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ތިން ސެންޓަރުގައި މިވަގުތު ވެސް 160 ކުދިން ދިރިއުޅެމުން ދާ ކަމަށެވެ.

"ނޭޝަނަލް ކޮންފަރެންސް އޮން ވަޔަލަންސް އެގެއިންސް ޗިލްޑްރަން"ގެ ނަމުގައި މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދާ މަހާސިންތާގައި ކުޑަކުދިންނާ ގުޅުންހުރި އެކި އިދާރާތަކުން 59 ބައިވެރިވެރިން ބައިވެރިވެއެވެ.

އެ މަހާސިންތާގައި ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކަމާ ގުޅުންހުރި ދާއިރާތަކުން ކުރެވޭނެ މަސައްކަތްތައް ހިމެނޭ ގޮތުގެ އެކްޝަން ޕްލޭނެއް އެކުލަވާލާނެއެވެ.