15 Aug 2017, 13:07
"ވީޑިއޯ އެސިސްޓެންޓް ރެފްރީ" އަކީ ދަނޑުމަތީގައި ހަރަކާތްތެރިވާ ރެފްރީންނަށް ހެދޭ ބައެއް ގޯސްތައް ރަނގަޅުކުރުމަށް، އެހީތެރިއެއްގެ ގޮތުގައި އަލަށް ބޭނުންކުރާން ފެށި ޓެކްނޮލޮޖީއެކެވެ. ރެފްރީންގެ ނިޔާތައް އެންމެ ފުރިހަމަ ގޮތުގައި އިއްވުމަށް ތައާރަފްކުރި ނިޒާމެކެވެ. އެހެން ނަމަވެސް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ކަކާއަށް، ވީޑިއޯ އެސިސްޓެންޓް ރެފްރީ މިވަނީ ވަރަށް ބޮޑު ލަނޑެއް ދީފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، މޭޖާ ސޮކާ ލީގުގައި އޯލެންޑޯ ސިޓީ ސްޕޯޓްސް ކްލަބާ އަތުން 3-1 ލަނޑުން ނިއު ޔޯކް ރެޑް ބުލްސް މޮޅުވި މެޗު ނިމެން ދަނިކޮށް އެމެޗުގެ ރެފްރީ ވަނީ، އޯރެލްންޑް ސިޓީގެ ކެޕްޓަން ކަކާއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.
ނިއު ޔޯކް ރެޑް ބުލްސްގެ ދަނޑުގައި ކުޅުނު އެމެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގައި ކަކާއަށް ރަތްކާޑު ދައްކާފައި ވަނީ، މެޗުތެރޭގައި ހިނގި ހަމަނުޖެހުމެއް ހުއްޓުވުމަށް ފަހު، އޭނާގެ ކުރީގެ ޓީމް-މޭޓް ރެޑް ބުލްސްގެ ޑިފެންޑަރު އޯރެލިއެން ކޮލިންގެ މޫނުގައި އަތްލާފައިވާތީ އެވެ.
ރެޑް ބުލްސްގެ ފްރާންސް ޑިފެންޑަރު ކޮލިން އަކީ ކަކާ އާއެކު ކުރީން އޯލެންޑޯއަށް ކުޅުނު ކުޅުންތެރިއެކެވެ.
ވީޑިއޯ އިން ފެންނަނީ، ދެޓީމުގެ ގިނަ ކުޅުންތެރީންތަކެއް އެއްވަފައި އޮތް ދަނޑިވަޅެއްގައި، ކަކާ އާއި ކޮލިން ސަކަރާތްޖަހަމުން އައިސް ކޮލިންގެ ފަހަތުގައި ހުރެ އޭނާގެ މޫނުމަތީގައި އަތް އަޅާ މަންޒަރެވެ. އަދި ހިނިއައިސްފައި ހުރި ކަކާ ކޮލިންގެ ކޮލުގައި މަޑުމަޑުން ފިރުމާލާފައި ދަނީ އެވެ.
ހަމަނުޖެހުން ގަނޑު މައިތިރި ކުރުމަށް ފަހު މެޗްގެ ރެފްރީ ޖޯޖް ގޮންޒަލޭޒް ދަނީ، ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީ ހޯދުމަށެވެ. އަދި އޭނާ ނިންމަނީ، ކަކާ ހަމަނުޖެހުން ހިންގައި ކުޅިވަރުގެ ރޫހާ ޚިލާފުވީ ކަމަށެވެ.
ކަކާއަށް ރަތްކާޑު ދެއްކުމުން އޭނާގެ ދިފާއުގައި އެ ނިންމުން ލުއިކޮށްދިނުމަށް ކޮލިން ވަނީ ރެފްރީ ގާތު އާދޭސްކޮށްފަ އެވެ. އަދި އެވަގުތު ކައިރީގައި ތިބި ގިނަ ކުޅުންތެރީންތަކެއް، އެ ހާދިސާ ރެފްރީއަށް ރަނގަޅަށް ކިޔައިދިނުމަށް މަސައްކަތްކުރި ނަމަވެސް ރެފްރީގެ އެ ނިޔާ ބަދަލެއް ނުކުރި އެވެ.
އެމްއެލްއެސްގެ ކްލަބު ތަކަށް، އެގޮތަށް ދައްކާ ރަތް ކާޑުތައް އެޕީލްކުރުމުގެ ފުރުސަތު ލިބެ އެވެ. އެހެން ނަމަވެސް އެގޮތަށް އެޕީލް ކުރާ ގިނަ ވެގެން ދެ މައްސަލަ ނާކާމިޔާބު ވެއްޖެ ނަމަ ދެން އެ ސީޒަނެއްގައި އިތުރު ފުރުސަތެއް ނުލިބޭނެ އެވެ. އޯލެންޑޯ އިން މިހިނގާ 2017 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި މިހާތަނަށް އަދި ރަތްކާޑެއް އެޕީލްކޮށްފައެއް ނުވެ އެވެ.
ކަކާއަށް ދެއްކި ރަތް ކާޑާ ގުޅޭ ގޮތުން އޭނާގެ ކްލަބުން ބުނެފައި ވަނީ، ރެފްރީގެ ނިންމުމާ ދެކޮޅަށް އެ މައްސަލަ އެޕީލް ކުރާން އެ ކްލަބުން ވެސް އަދި ކަކާ ވެސް ބޭނުން ނުވާ ކަމަށެވެ. ކަކާއަކީ، މުޅި ދުނިޔޭގައި ވެސް ނަމޫނާ ކުޅުންތެރިއެއް ކަމަށާއި ކުޅުމުން ބޭރުގައި އެފަދަ އަމަލެއް ކަކާ ނުހިންގާނޭކަން އޭނާ ދަންނަ ކޮންމެ މީހަކަށް ވެސް އެނގޭނޭ ކަމަށް އެ ކްލަބުން ބުނެފައިވެ އެވެ.
އެ ކްލަބުން ބުނީ، ވީޑިއޯ ބެލުމަށް ފަހު، ކޮލިން އާއި އޯލެންޑޯގެ ގިނަ ކުޅުންތެރީންތަކެއް ރެފްރީއަށް އެ ހާދިސާ އިތުރަށް ކިޔައިދިނުމަށް މަސައްކަތް ކުރިކަމަށެވެ.
މޭޖާ ސޮކާ ލީގާއި ޕްރޮފެޝަނަލް ރެފްރީ އޯގަނައިޒޭޝަނުން ވީޑިއޯ އެސިސްޓެންޓް ރެފްރީ ޕްރޮމޯޓްކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް އިހްތިރާމް ކުރާ ހާލު، ކުރިއަށް އޮތްތާނގައި މިފަދަ ކަންކަން ނުހިނގާނޭ ގޮތަކަށް ކަންކަން ރޭވިގެން ދާނޭކަމަށް އުންމީދުކުރާ ކަމަށްވެސް އޯރލެންޑޯ ސިޓީ ސްޕޯޓްސް ކްލަބުން ބުނެފައިވެ އެވެ.