ފޯސީޒަންސް ޗެމްޕިއަން ސާފިން ޓްރޮފީ، ވޭތުވެ ދިޔަ އަހަރުގެ ވެސް ޗެމްޕިއަން އޮސްޓްރޭލިއާގެ ތާޖު ބޮރޯ ދިފާއުކޮށްފި އެވެ.

ދުނިޔޭގެ ސާފިން ޗެމްޕިއަނުންނަށް ދައުވަތު ދީގެން ކުރިއަށްގެންދާ އެ މުބާރާތުގެ ޗެމްޕިއަންކަން ތާޖު ބޮރޯ ހޯދި އިރު މުބާރަތް ބައްވާތާ ހަތް އަހަރު ވެއްޖެ އެވެ.

މިފަހަރުގެ މުބާރަތުގައި ވެސް ބައިނަލްއަގުވާމީ ސާފިންގައި މަޝްހޫރު އެތައް މޫނުތައް ވަނީ ފެނިގެންގޮސްފަ އެވެ. މީގެ އިތުރުން ދިވެހި ސާފަރުން ވެސް ވަނީ މުބާރަތުގައި ވާދަކޮށްފަ އެވެ.
ތިން ބުރަކަށް ބަހައިލައިގެން ކުރިއަށްގެން ދިޔަ އެ މުބާރަތުގައި ރާޅާ އެޅުންތެރިން ވާދަކޮށްފައި ވަނީ ސިންގަލް ފިން ރައުންޑް، ޓްވިން ފިން ރައުންޑް އަދި ތްރަސްޓާ ރައުންޑުގަ އެވެ.

ސިންގަލް ފިން ބުރުގެ އެއްވަނަ އެމެރިކާގެ ސީޖޭ ހޮބް ވުޑް ހޯދިއިރު ޓްވިން ފިން ރައުންޑް ކާމިޔާބުކުރީ މަޗާޑޯ އެވެ. ތްރަސްޓާ ބައިގެ ޗެމްޕިއަންކަން ސީޖޭ ހޮބްވުޑް އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ތާޖް ބޮރޯ ހޯދީއިރު ރަނަރަޕަކީ މަޗާޑޯ އެވެ. ތާޖު ބުރޯ މުބާރަތް ތިން ވަނަ ފަހަރަށް ކާމިޔަބުކުރި އިރު އޭނާ އަށް ވަނީ 25,000 ޑޮލަރުގެ ފައިސާގެ އިނާމެއް ދީފަ އެވެ.

މި ފަހަރުގެ މުބާރަތުގައި ވާދަކުރި ދިވެހި އެތްލީޓް އިސްމާއިލް މިގްލާލް (ކުޑައިއްސެ) ވަނީ އޭނާ ވާދަކުރި ކެޓަގަރީގެ (ޓްވިން ފިން) ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ނަމަވެސް ސެމީ ފައިނަލުގައި އޭނާ ވަނީ އެ ބައިގެ ޗެމްޕިއަން އަތުން ބަލިވެފަ އެވެ.

ފޯސީޒަންސް ޗެމްޕިއަން ސާފިން މުބާރަތަކީ މި ސަރަހައްދުގައި ވެސް ކުރިއަށްގެންދާ މިފަދަ އެންމެ ބޮޑު ސާފިން މުބާރަތެވެ.