ރާއްޖޭގައި މަސައްކަތް ކުރާ ލަންކާ މީހަކު އޭނާ ދިރިއުޅޭ ގޭގެ ފާހާނާއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.

ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނުނު ހެންވޭރު އޯބިޓް ވިލާގޭގައި ހުރެ ސަންގެ ޖާނަލިސްޓަކު ބުނީ މަރުވެފައި ވަނީ އަޖީތު ކުމާރު 48، ކަމަށެވެ. އަދި ލަންކާ މީހާ މަރުވެފައި އޮއްވައި ފެނުނީ، އެމީހާ މަސައްކަތަށް ނުނިކުމެގެން، އަޖީތު މަސައްކަތް ކުރާ ކޮންސްޓަރަކްޝަން ކުންފުނީގެ މީހުން ގޮސް ބެލުމުން ކަމަށެވެ.

"އަހަރެމެންގޮސް ބެލީ އޭނާ މަސައްކަތަށް ނައިސްގެން . ކޮޓަރިތެރެ ބަލައި ފާހާނާ ތެރެ ބެލިއިރު އޮތީ މަރުވެފައި،" ލަންކާ މީހާއާ ހަވާލުވެ ހުރި ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އަޖީތު މަރުވެފައި އޮތީ އެގޭގެ ތިން ވަނަ ފަންގިފިލާގައި ހުންނަ ފާހާނާއެއްގެ ތެރޭގަ އެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން، ބެލެވިފައި ވަނީ އޭނާ މަރުވެފައި ވަނީ އާދައިގެ މަރެއްގައި ކަމަށެވެ.