ބޮލީވުޑް ކުޅަދާނަ ލަވަކިޔުންތެރިޔާ ސުނީދީ ޗޯހާން ފުރަތަމަ ދަރިފުޅަށް ބަލިވެ އިން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސުނީދީގެ ބައްޕައާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ ސުނީދީގެ ބަނޑަށް މިހާރު ފަސް މަސް ފުރިފައިވާ ކަމަށެވެ. ސުނީދީގެ ބައްޕަ ވަނީ ކާފަ ދަރިއަކު ލިބެން އުޅޭތީ ބަޔާން ނުކުރެވޭ ވަރުގެ އުފަލެއް ލިބިފައިވާ ކަމަށް ބުނެފައެވެ.

ސުނީދީ މިހާރު އަންނަނީ ނުނިމި ހުރި ބައެއް މަސައްކަތްތައް ނިންމަމުންނެވެ. އެއަށްފަހު ދަރިފުޅަށް ވަގުތު ދިނުމަށް ދުވަސްކޮޅަކަށް މަސައްކަތާއި ދުރުވާނެ ކަމަށް ބައްޕަ ވަނީ ބުނެފައެވެ.

ދެ އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ސުނީދީ އާއި ހިތޭޝް ސޯނިކް ކައިވެނި ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މަދުން ނަމަވެސް ހިތޭޝް އާއި ސުނީދީ ބައެއް ހަފްލާތަކުން އެކުގައި ފެނިގެން ދެއެވެ.

އިއްޔެ 34 ވަނަ އުފަން ދުވަސް ފާހަގަ ކުރި ސުނީދީ ވަނީ އުމުރުން 18 އަހަރުގައި ވެސް ކައިވެންޏެއް ކޮށްފައެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ އެ ކަިއވެނި ވަނީ ރޫޅިފައެވެ.

ސުނީދީގެ ފާހަގަ ކޮށްލެވޭ ލަވަތަކުގެ ތެރޭގައި، 'ކްރޭޒީ ކިޔާރޭ'، 'ޝީލާ ކީ ޖަވާނީ'، 'ކަމްލީ' އަދި 'ދޭސީ ގާލް' ފަދަ ލަވަތައް ހިމެނެ އެވެ. ސުނީދީ އެންމެ ފަހުން ލަވައެއް ކިޔައިދީފައި ވަނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ އަކްޝޭ ކުމާރުގެ ފިލްމުގެ 'ޓޮއިލެޓް' އަށެވެ.