15 Aug 2017, 09:37
ޗައިނާގެ ގުއަންގްޒޫ އެވާގްރޭންޑް ދޫކޮށް، ބްރެޒިލް މިޑްފީލްޑަރު ޕައުލީނިއޯ ސްޕެއިންގެ ބާސެލޯނާއާ ގުޅިއްޖެއެވެ.
އުމުރުން 29 އަހަރުގެ ޕައުލީނިއޯގެ ޕައުލީނިއޯ ބާސާއާ ގުޅުމަށް އެއްބަސްވެފައިވާކަން އެ ކްލަބުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ގުއަންގްޒޫ އެވަގްރޭންޑުން ބާސާއާ ޕައުލީނިއޯ ގުޅުނީ 40 މިލިއަން ޔޫރޯގެ އަގަކަށް ކަމަށް ހަބަރުތައް ބުނަމުންދާއިރު، އޭނާ އެ ކްލަބާ ގުޅުމަށް އެއްބަސްވެފައިވަނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށެވެ. ޕައުލީނިއޯއަކީ ރެކޯޑު އަގަކަށް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް ބްރެޒިލް ތަރި ނޭމާ ވިއްކާލި ފަހުން ބާސާއިން ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ.
ބްރެޒިލްގެ ކޮރިންތިއަންސްގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު 2013 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާއާ ގުޅުނު ޕައުލީނިއޯއަށް އެ ކްލަބުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ޓޮޓެންހަމް ދޫކޮށް ގުއަންގްޒޫއާ ޕައުލީނިއޯ ގުޅުނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ޗައިނާގެ ގުއަންގްޒޫގައި ޕައުލީނިއޯ ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ހަ މުބާރާތެއް ކާމިޔާބުކޮށްދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ. އޭގެ ތެރޭގައި ދެ ލީގު ތަށްޓާއި އޭއެފްސީ ޗެމްޕިއަންސް ލީގު ފާހަގަކޮށްލެވެއެވެ. ގުއަންގްޒޫގައި ޕައުލީނިއޯ ދެއްކި ކުޅުމުގެ ސަބަބުން އޭނާއަށް އަލުން ބްރެޒިލް ގައުމީ ޓީމުން ވެސް ޖާގައެއް ލިބިފައިވެއެވެ.
ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ޕައުލީނިއޯ ދައްކާލުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެއީ ރަށުން ބޭރުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ބާސާ ކުޅޭ ސްޕެނިޝް ސުޕަރ ކަޕްގެ ދެވަނަ ލެގު މެޗު ކުޅޭތާ އެއް ދުވަސް ފަހުންނެވެ. އަމިއްލަ ދަނޑުގައި ރެއާލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު މެޗުން ބާސާ ބަލިވީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.