ކާމިޔާބު އެތުލީޓަކަށްވުމަށްޓަކައި ވިސްނުން ބައްޓަން ކުރަން ޖެހޭނެ ގޮތާ ބެހޭ ގޮތުން ޕްރޮފެސަރު ސްރީ ކަންޑިއާ، ރާއްޖޭގެ ގައުމީ އެތުލީޓުންނަށް ފިލާވަޅުތަކެއް ނަގައިދީފިއެވެ.

ތަފާތު އެކި ގައުމުތަކަށް ދަތުރުކޮށް ލެކްޗަރ ދިނުމުގައި މަޝްހޫރުކަން ހޯދާފައިވާ ކަންޑިއާގެ ސެޝަން ރޭ ކުރިއަށް ދިޔައީ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައެވެ. އެ ސެޝަނުގައި ގައުމީ އެތުލީޓުންނާއި ތަފާތު ކުޅިވަރުތަކުގެ ކޯޗުންނާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ ބައެއް އިސްވެރިން ބައިވެރިވި އެވެ.

މި ހަރަަކާތަކީ ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ޕްރޮފެސަރު ކަންޑިއާގެ ސެޝަން ފެށިގެން ދިޔައީ ނުރަނގަޅު ވިސްނުންތަކުން ދުރުވުމަށް ކުރެވިދާނެ ކުދި ކަސްރަތުތަކަކަށްފަހު އެވެ. އެ ކަސްރަތުތަކުގެ ތެރޭގައި ރަނގަޅަށް ނޭވާލުމުގެ މުހިންމުކަން އަންގައިދޭ ކަސްރަތަކާއި ހާސްކަން ފިލުވާލުމަށް ކުރެވޭނެ ބައެއް ކަސްރަތުތައް ހިމެނެއެވެ.

ކުޅިވަރު އެތުލީޓުންނަށް ޕްރޮފެސަރު ކަންޑިއާ ނަގައިދިން ސެޝަންގެ ތެރެއިން: އެ ސެޝަންގައި ކާމިޔާބު އެތުލީޓަކަށް ވުމަށްޓަކައި ވިސްނުން ބައްޓަން ކުރަން ޖެހޭނެ ގޮތާ ބެހޭގޮތުން ޕްރޮފެސަރު ވަނީ ފިލާވަޅުތައް ނަގާދީފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ދާއިރާތަކުން ކާމިޔާބު ހޯދާފައިވާ ޝަހުސިއްޔަތުންގެ މިސާލުތައް ވަރަށް ފުރިހަމައަށް ޕްރޮފެސަރު ކަންޑިއާ ވަނީ ކިޔައިދީފައެވެ. އެގޮތުން ކާމިޔާބުކަމަކީ ހަގީގީ ހުވަފެނެއް އޮވެގެން ހާސިލްވާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.

ސްކޫލް ދަރިވަރުންތަކެއް ސެޝަންގައި ބައިވެރިވެފައިވާތީ އެ ކުދިންނަށް ޕްރޮފެސަރު އުނގަންނައިދިން އެންމެ ބޮޑު ފިލާވަޅަކީ ކުރިއަށްދާނެ ދާއިރާއެއް ނުވަތަ އެތުލީޓަކަށްވާން ބޭނުންވާނަމަ އިހުތިޔާރުކުރާނެ ކުޅިވަރެއް އަމިއްލައަށް ނިންމުމުގެ މުހިންމު ކަމެވެ.

ކާމިޔާބު އެތުލީޓަކަށް ވެވޭނީ، ރަނގަޅު އަހުލާގުތަކާއި ބުރަ މަސައްކަތް އަދި އަޒުމެއް އޮވެގެން ކަމަށް ޕްރޮފެސަރުގެ ވާހަކައިގައި ފާހަގަކުރިއެވެ. ކާމިޔާބު އެތުލީޓަކަށް ކުރާ ދަތުރުގައި ނާކާމިޔާބީތަކަކާ ވެސް ކުރިމަތިލާން ޖެހޭނެކަން ވެސް ޕްރޮފެސަރު ކަންޑިއާ ވިސްނައިދެއްވިއެވެ.