ވޯލްޑް ކަޕް ކޮލިފައިންގައި އިރާނާ ދެކޮޅަށް ރާއްޖެ ކުޅޭ ފުރަތަމަ ލެގުގެ މެޗް މިރޭ ރާއްޖޭ ގަޑިން 8:00 ޖަހާ އިރު އެމްއެންބީސީ ވަން އިން ލައިވްކުރާ ގޮތަށް އެޗެނަލް އިން ބުނެފި އެވެ.

އިރާނާ ދެކޮޅަށް ދިވެހި ޤައުމީ މިރޭ ކުޅޭ އިރު، މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އިރާންގެ ޤައުމީ ސްޓޭޑިއަމް ކަމަށްވާ އާޒާދީ ސްޓޭޑިއަމްގަ އެވެ.

އާޒާދީ ސްޓޭޑިއަމްއަކީ 1974 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ސްޓޭޑިއަމެކެވެ.
ނަވާރަސަތޭކަ ހަތްދިހަ ހަތަރު ވަނަ އަހަރުގެ އޭޝިއަން ގޭމްސް އަށް ހެދި މި ސްޓޭޑިއަމްއަކީ ދުނިޔޭގެ އެންމެ ބޮޑު ދިހަ ސްޓޭޑިއަމްގެ ތެރޭގައި ހިމެނޭ އެއް ސްޓޭޑިއަމަށް ވުމުގެ އިތުރުން އޭޝިޔާގެ ހަތަރު ވަނަ އަށް އެންމެ ބޮޑުސްޓޭޑިއަމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މެދު އިރުމަތީގެ އެންމެ ބޮޑު ސްޓޭޑިއަމްގެ ގޮތުގައި ވެސް މި ސްޓޭޑިއަމް ވަނީ ފާހަގަ ކުރެވިފަ އެވެ.

އިރާނަށް ގެނައި އިންޤިލާބަށް ފަހު އާޒާދީ ސްޓޭޑިއަމްގެ ނަމަށް ބަދަލުކުރި މި ސްޓޭޑީއަމަށް ކުރިން ކިޔަމުންއައި ނަމަކީ ހަޒާރް ނަފަރީ ސްޓޭޑިއަމް އެވެ. ތެހެރާނުގެ ހުޅަނގުގައި ގިނަ ބަޔަކު ދިރިއުޅެމުންދާ ސަރަހައްދެއްގައި ހުންނަ މި ސްޓޭޑިއަމް ހިމެނޭ ސަރަޙައްދުގެ ބިމުގެ ބޮޑުމިނަކީ 450 ހެކްޓަރެވެ.

އެއްފަހަރާ މަދުވެގެން އެއްލައްކަ މީހުންނަށް ވަދެވޭގޮތަށް ދެބުރިޔަށް ހަދާފައިވާ މި ސްޓޭޑިއަމްގެ ފުރަތަމަ ބުރީގައި ވެސް މަދުވެގެން ތިރީސް ފަސްހާސް މީހުންނަށް ކުޅިބަލަން ތިބެވޭހާ ޖާގައޮވެ އެވެ. މަދުފަހަރަކު މެނުވީ ފުރިފައިނުވާ މި ސްޓޭޑިއަމަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުންވަދެފައި ވަނީ 2004 އަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި އިރާނާ ޖަޕާން ބައްދަލުކުރި މެޗްގަ އެވެ. އެ މެޗްގައި އާޒާދީ ސްޓޭޑިއަމް ފުރުނުކަމަށްވެ އެވެ.