ލަންކާގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާތަކެއް ލިބުނު ދިވެހި ދެމަފިރިންގެ ތެރެއިން ފިރިހެން މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ލަންކާގެ ހެވެލޮކް ސިޓީގެ އެޑްވާޑް އެވެނިއު ކައިރީގައި ރޭ 10:00 ހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާތަކެއް ލިބިފައި ވަނީ ލަންކާގައި ދިރިއުޅެމުން އަންނަ މާލޭ ދެމަފިރިންނެވެ. އަދި އެކްސިޑެންޓް ހިނގާފައި ވަނީ ދެމެފަރިިން ދަތުރުކުރި އޮޓޯ އާއި ނުގަވައިދުން ބާރަށް ދުއްވާފައި އައި ކާރެއްގައި ޖެހިގެންނެވެ.

ލަންކާގައި ހުރި އެ ދެމަފިރިންގެ އާއިލާ މެމްބަރަކު ސަން އަށް ބުނި ގޮތުގައި، ދެމަފިރިންނަށް ވެސް ފަރުވާ ދެމުންދަނީ ލަންކާ ހޮސްޕިޓަލުގައެވެ. އަދި ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އުމުރުން 37 އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސްވެ ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ.

"ބޭބެގެ ތުންފަތާ ދިމާލުން ވާތްފަޅީގެ ނޭފަތުގެ ލޯވަޅުން ގޮސް ކަރުނަވަޅާހަމައަށް އިރައިގެން ގޮސްފައި އޮންނަ ކަހަލަ ގޮތަކަށް އޮތީ. ދެން މަތީ ތުންފަތް ވެސް އޮތީ ޗަސްވެފަ ކަމަށް ބެލެވެނީ. ނޭވާވެސް އަދި ވާހަކަ ދެއްކެނީ ވެސް ވަރަށް ހާލުން. ދެން ވާތް ފަރާތު ފައިގެ އުކުޅުވަޅާއި ފަލަމަސްގަނޑާ ދެމެދު ފްރެކްޗާއެއް އިންއިރު ކަނާތް ފަރާތު ފައިވެސް ވަނީ ބިންދައިގެން ގޮސްފައި،" އާއިލާ މެމްބަރު ކިޔައިދިނެވެ.

ލަންކާގައި ރޭ ހިނގި އެކްސިޑެންޓުގައި ގެއްލުން ލިބުނު އޮޓޯ --- ސަން ފޮޓޯ

އޭނާ ބުނި ގޮތުގައި ފިރިހެން މީހާގެ ހޭ ހުރި ނަމަވެސް، ހާލު ސީރިއަސް ކަމުން މިއަދު ހަދަން އޮތް ސާޖަރީއެއް ވެސް ވަނީ މާދަމާ އަށް ފަސް ކޮށްފަ އެވެ. އަދި ވާހަކަ ދައްކާއިރު އަނގައިގެން ހޮޑާއެކު ލޭ އަންނާތީ ބޮލުގެ ސްކޭނެއް ހަދާފައިވާ ކަމަށާއި ނަމަވެސް ސްކޭނުން ބޮލަށް އެއްވެސް ގެއްލުމެއް ލިބިފައި ނެތް ކަމަށް އާއިލާ މެމްބަރު ބުންޏެވެ.

މެމްބަރު ބުނީ، އަނިޔާވީ އުމުރުން 34 އަހަރުގެ އަންހެން މީހާގެ ފައި ވެސް ބިންދައިގެން ގޮސްފައިވާތީ ސާޖަރީއެއް ހަދަން ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލު މާ ސީރިއަސް ނޫން ކަމަށް މައުލޫމާތު ދިނެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލަކު ވެސް ވަނީ އެގައުމުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަން ސަން އަށް ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެމީހުންނަށް މިހާރު އާސަންދަ ވަނީ ހަމަޖައްސައިދީފަ އެވެ.

އާއިލާ އިން ބުނާ ގޮތުގައި، އެކްސިޑެންޓުގައި ދެމަފިރިން ދަތުރުކުރި އޮޓޯ އެއްކޮށް ޗިސްވެފައިވާއިރު އޮޓޯގައި ޖެހުނު ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އޮޓޯ ޑްރައިވަރަށް ކަލުބޯވިލާގައި ހުންނަ ހޮސްޕިޓަލަކުން ފަރުވާ ދެމުންދާއިރު އޭނާގެ ހާލުވެސް ވަރަށް ސީރިއަސް ކަމަށެވެ.

އެކްސިޑެންޓުގައި އޮޓޯގައި ޖެހުނު ކާރު ދުއްވަން އިނީ އަންހެނެއް ކަމަށާއި އޭނާ މިހާރު ފުލުުހުން ހައްޔަރު ކޮށްފައިވާއިރު، އެކްސިޑެންޓުގައި އަންހެން މީހާގެ ފޯނާއި ފިރިހެން މީހާގެ ވޮލެޓް ގެއްލިފައިވާ ކަމަށް އާއިލާއިން ބުނެއެވެ.