14 Aug 2017, 20:47
ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ އިވޭލުއޭޝަން މިހަފްތާގެ ބުދަ ދުވަހު ރާއްޖޭގައި ފަށަން ހަމަޖެހިއްޖެ އެވެ.
އިރައިޒްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މަރިޔަމް މާއިޝާ ޝުޖާއު ވިދާޅުވީ ސާޓާގެ އިވެލުއޭޝަން ފަށާނީ މިމަހުގެ 16 ވަނަ ދުވަހު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކަމަށެވެ. އެއަށްފަހު ސަރަހައްދުން އެ އެވޯޑުގައި ބައިވެރިވާ ގައުމުތަކުގެ ޖަޖިންވެސް ކުރިއަށްދާނެ ކަމަށް މާއިޝާ ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ އިވެލުއޭޝަނަށްފަހު ސްރީލަންކާއިން ނޮމިނޭޓުކޮށްފައިވާ ފަރާތްތަކުގެ އިވޭލުއޭޝަން އޮންނާނީ ވެރިރަށް ކޮލޮމްބޯގައި މިމަހުގެ 19 އިން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު ދެކުނު އިންޑިއާއިން ނޮމިނޭޓުކޮށްފައިވާ ފަރާތްތަކުގެ އިވެލުއޭޝަން 23 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ބެންގަލޫރުގައި ކުރިއަށްދާނެ އެވެ.
އުތުރު އިންޑިއާ ސަރަހައްދުން ނޮމިނޭޓުވެފައިވާ ބްރޭންޑުތަކުގެ އިވެލުއޭޝަން އޮންނާނީ މިމަހުގެ 27 އިން ފެށިގެން 29 ގެ ނިޔަލަށް ނިއުދިއްލީގައެވެ. 29 ވަނަ ދުވަހުން ފެށިގެން ނޭޕާލާއި ބޫޓާނުން ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ އިވެލުއޭޝަން ކުރިއަށް ގެންދާއިރު ސެޕްޓެމްބަރު މަސް ފެށެންވާއިރު އިވެލުއޭޝަން މަސައްކަތް އެއްކޮށް ނިންމާލާނެއެވެ.
ސާޓާގެ އޮންލައިން ވޯޓިން މިހާރުވެސް ހުޅުވާލާފައިވާއިރު އެ އެވޯޑަށް ސަރައްހައްދުގެ ފަސް ގައުމަކުން ވަނީ ބޮޑެތި ބްރޭންޑުތައް ނޮމިނޭޓުކޮށްފައެވެ. އެއާކު މިފަހަރުގެ އެވޯޑަށް 450 އަށްވުރެ ގިނަ ފަރާތްތައް ވަނީ ނޮމިނޭޓުކޮށްފައެވެ.
މިދިޔަ އަހަރު ބޭއްވި އެންމެ ފުރަތަމަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އޮތީ ސްރީލަންކާގެ މަޝްހޫރު މައުންޓް ލެވީނިއާ ހޮޓެލްގައެވެ. މިދިޔަ އަހަރުގެ އެވޯޑްސްގައި ދެކުނު އޭޝިއާ ސަރަހައްދުގެ 18 އެވޯޑަކާ އެކު އެންމެ ގިނަ އެވޯޑު ލިބުނީ ދިވެހިރާއްޖެއަށެވެ. އަދި ވިޒިޓާޒް ޗޮއިސް އެވޯޑްސްގެ ހަތް އެވޯޑުގެ ތެރެއިން ފަސް އެވޯޑެއް ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.
މިއަހަރުގެ ސަޓާ އެވޯޑްސްގައި މައިގަނޑު ގޮތެއްގައި 10 ސެގްމެންޓަކުން 34 މޭޖާ ކެޓަގަރީ ހިމެނޭއިރު އެވޯޑު ހަފްލާ އޮންނާނީ އައްޑޫ ސިޓީގައި އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ.