ކުރިއަށް އޮތްތާނގައި ރާއްޖޭގެ ވިޔަފާރިއާއި އަދި އެހެނިހެން ވެސް ސިނާއަތްތަކުގެ މައި މަރުކަށް ވެގެންދާނޭ ކަމަށް ބެލެވޭ އެއް ތަނަކީ ހުޅުމާލެއެވެ. އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން، ޒުވާނުންގެ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަމުންއަންނަ ހުޅުމާލެއަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި، ބޭނުންވާ މިންވަރަށް ސާފު ފެން ލިބުމުގައި ދަތިތަކެއް ހުރުން ހިމެނެއެވެ.

ރައްޔިތުންނަށް އެއްވެސް ދަތިކަމަކާ ނުލައި، ރައްކާތެރި ފެން ފޯރުކޮށްދިނުމުގެ ޒިންމާ ނަގައިގެން ތިބި އެންމެ ބޮޑު ކުންފުންޏަކީ، ދައުލަތާއި ރައްޔިތުންގެ ހިއްސާ އޮންނަ މާލޭ ފެން ކުންފުންޏެވެ.މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް(އެމްޑަބްލިއުއެސްސީ) އިން މިވަނީ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފުރިހަމައަށް ތައްޔާރު ވެފައެވެ.

"ގްރޭޓަރ މާލޭ ރީޖަން"އަށް ރައްކާތެރިކަމާއެކު މެދުނުކެނޑި، ދާއިމީ ގޮތެއްގައި ފެން ފޯރުކޮށްދިނުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތެކެވެ. އެ ސިޔާސަތު ތަންފީޒުކުރުމަށް އެމްޑަބްލިއުއެސްސީން މިހާރު ވަނީ ހުޅުމާލޭގައި 3000 ކިއުބިކް މީޓަރުގެ އާރްއޯ ޕްލާންޓެއް ބެހެއްޓުމަށް ބޭނުންވާ ހުރިހާ ސާމާނެއް މާލެއް ގެނެސްފައެވެ.

އެމްޑަބްލިއުއެސްސީން ދަނީ، ހުޅުމާލޭގައި އިތުރު އާރްއޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތްކުރަމުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގައި އާ އާރްއޯ ޕްލާންޓެއް ބަހައްޓައި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ ޚިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ފެށޭވަރު ވާނޭ ކަމަށެވެ.

"ޕްލާންޓަށް ބޭނުންވާ ހުރިހާ ސާމާނެއް މިވަނީ އަޅުގަނޑުމެންނަށް ލިބިފައި. ދެން އޮތީ ޕްލާންޓް އިންސްޓޯލްކުރުމުގެ މަސައްކަތް. އެ މަސައްކަތް ހަމަ މާދަމާ ފެށިގެން ދާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުންމީދުކުރަނީ ކުރިއަށް އޮތް 1 މަސްދުވަހުގެ ތެރޭގައި މި އާ ޕްލާންޓުން ޚިދުމަތް ދޭން ފެށޭނޭ ކަަމަށް،" އެމްޑަބްލިޔުއެސްސީގެ އޮފިޝަލް ވިދާޅުވިއެވެ.

ހުޅުމާލެއަކީ، "ބިޔަ" އާބާދީއަކަށް ފައްކާކުރަމުން ގެންދާ ސިޓީއެކެވެ. އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގިނަ އަދަދެއްގެ ގެސްޓްހައުސްތަކާއި، ކެފޭ ރެސްޓޮރަންޓް، އަދި މިނޫންވެސް ފެނާ ގުޅުންހުރި ތަންތަން މިހާރުވެސް ދަނީ "ފަތުއަޑުކިޔާފައި" އިތުރުވަމުންނެވެ. އެހެންކަމުން މިހާރު އެ ސިޓީގައި އެމްޑަބްލިއުއެސްސީން ގާއިމްކޮށްފައިވާ 3500 ކިއުބިކް މީޓަރުގެ އާރްއޯ ޕްލާންޓަކީ، މި ހުރިހާ ދިމާއަކަށް ފެން ފޯރުކޮށްދެވޭ ވަރަށްވުރެ ކުޑަ ޕްލާންޓެއް ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ. އެހެންކަމުން "ޑިމާންޑާ އެއްވަރަށް ސަޕްލައި ފޯރުކޮށްދިނުމަށް" އެމްޑަބުލިއުއެސްސީން މިވަނީ ކުރިއަށް ފިޔަވަޅެއް އަޅައިފައެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ، އަލަށް ބަހައްޓާ އާރްއޯ ޕްލާންޓާއެކު މިހާރު ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ބޭނުންވާ މިންވަރަށް ފެން ފޯރުކޮށްދެވޭނޭ ކަމަށް،" އޮފިޝަލް ވިދާޅުވިއެވެ.

މާލޭ ފެންކުންފުނިން، ހުޅުމާލޭގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއަށް ގާތްގަނޑަކަށް 21.6 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނީ، ޚަރަދުވެސް ކޮށްގެންނެވެ. އެހެންކަމުން، ރައްޔިތުންނަށް ޚިދުމަތްކުރުމަށާއި ގައުމުގައި ހިންގާ ތަރައްގީގެ ކަންކަމުގައި އެންމެ ފުރިހަމަގޮތުގައި ބައިވެރިވުމަގައި ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި ކުރިއަށް ދާނޭކަމަށް އެ ކުންފުނިން ބުނެއެވެ.