23 Jul 2011, 14:23
ޖުމްލަ ހަތަރު ޓީމްގެ މެދުގައި ކުޅެވުނު ދިރާގު ދިވެހި ލީގު ކޮލިފިކޭޝަން ފުޓްބޯޅަ މުބާރާތުގައި އެންމެ ކުރީގައި އޮވެ، އަނެއްކާވެސް އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުގެ ޖާގަ އޭވައިއެލް އާއި ވިޔަންސާ ހޯދައިފި އެވެ.
ދިރާގް ދިވެހިލީގުގެ ދެ ވަނަ ބުރުގެ ކުޅުން ނިންމާލި އިރު، އެންމެ ފުޅުގައި އޮތް އޭވައިއެލްއާ ވިޔެންސާއަށް ރެލިގޭޝަން ކުޅެން ޖެހުނު ނަމަވެސް ، އަލުން މި ދެ ޓީމަށް ވަނީ ފުރަމަ ޑިވިޝަނުން ޖާގަ ކަށަވަރުކޮށްފަ އެވެ.
އޭވައިއެލްއާ ވިޔެންސާ އަށް ފުރަތަމަ ޑިވިޝަނުން ޖާގަ ކަށަވަރުވި އިރު، މުބާރާތުން ކެޓި އަނެއް ދެ ޓީމަކީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ރަނަރަޕް ޔުނައިޓެޑް ވިކްޓަރީ އެވެ.
މުބާރާތުގައި އިއްޔެ ހަވީރު ހުއްރިއްޔާ އަތުން އޭވައިއެލް މޮޅުވީ 3-2 އިންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ވިޔެންސާ ވަނީ ޔުނައިޓެޑް ވިކްޓަރީ އަތުން 1-0 ލަނޑުން މޮޅު ވެފަ އެވެ.
އޭވައިއެލް އާއި ވިޔަންސާ ހަ ޕޮއިންޓް ހޯދާފައިވާ އިރު ހުރަ އާއި ޔުނައިޓެޑް ވިކްޓަރީ އަށް ޕޮއިންޓެއް ނުލިބެ އެވެ.