ބާސެލޯނާ ދޫކޮށްލުމަކީ މަރުވުން ފަދަ ކަމެއް ކަމަށް ބަޔަކު ސިފަ ކުރި ނަމަވެސް އެ ޓީމުގައި ނުލިބޭފަދަ ދިރުމެއް ޕީއެސްޖީއަށް ބަދަލުވުމުން ލިބޭ ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފާގައި ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ނޭމާ، އޭނާގެ އާ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށް، އިތުރު ލަނޑެއް ޖެހުމުގައި އެހީތެރިވެދީފިއެވެ.

މިދިޔަ ހަފްތާގައި ދުނިޔޭގެ ރެކޯޑު ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯގެ އަގަކަށް ބާސެލޯނާއިން ޕީއެސްޖީއާ ގުޅުނު އުމުރުން 25 އަހަރުގެ ބްރެޒިލް ފޯވާޑު ރޭގެ މެޗަށް ފަހު ބުނީ ބާސާ ދޫކޮށްލުމަކީ އުނދަގޫ ކަމެއް ކަަމަށާއި އެކަމަކު ޕީއެސްޖީގައި އޭނާ ހުރީ އުފަލުން ކަމަށެވެ.

"ބާސާ ދޫކޮށްލުމަކީ މަރުވުމޭ ބަޔަކު ބުނި، ނަމަވެސް އަހަރެން ބުނާނީ މިވަރު ދިރުމެއް ނުލިބޭ ދުވަހަކުވެސް،" ނޭމާ ބުންޏެވެ.

އޭނާ ބުނީ "ޕީއެސްޖީއެކޭ ބާސާއެކޭ" ތަފާތެއް ނެތް ކަމަށާއި ދެ ޓީމުގައިވެސް ކުޅެން ޖެހެނީ ފުޓްބޯޅަ ކަމަށެވެ. ހަމައެކަނި ތަފާތަކީ ގައުމު ބަދަލުވުން ކަމަށް ނޭމާ ބުންޏެވެ.

ނޭމާއާ އެކު ޕީއެސްޖީގައި ކުޅޭ ކުޅުންތެރިންނާ ގުޅޭ ގޮތުން އޭނާ ބުނީ ޕީއެސްޖީއަށް ދިޔައިރު ވެސް ކަވާނީއަކީ މޮޅު ކުޅުންތެރިއެއްކަން އެނގޭ ކަމަށާއި ނަމަވެސް އޭރު އޭނާ ދަންނަނީ ވަރަށް ދުރުން ކަމަށެވެ. އޭނާ ބުނީ ދެން މަސައްކަތް ކުރާނީ ކަވާނީއާ އެކު ރަނގަޅު ގުޅުމެއް ބަދަހިކޮށް ކާމިޔާބީ ހޯދަން ކަމަށެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑަކީ، ކަވާނީއަށް ނޭމާ ދިން ތްރޫ ޕާހެއް، އޭނާއަށް ލިބުމުގެ ކުރީން ގުއިންގަމްޕްގެ ޑިފެންޑަރު ޖޯޑަން އިކޯކޯ ހޯދުމަށްފަހު ގޯލްކީޕަރު ކާލް-ޔޯހާން ޖޯންސަންއަށް ޖައްސާލި ބޯޅަ ކީޕަރަށް ނުލިބި ގޮސް ގޯލްތެރެއަށް ވަން ލަނޑެކެވެ.

ބްރެޒިލް ތަރި ނޭމާގެ އެހީތެރި ކަމާއެކު ޕީއެސްޖީގެ ދެ ވަނަ ލަނޑު ކަވާނީ ކާމިޔާބުކޮށް ދިންއިރު، ޕީއެސްޖީގެ ޖާޒީގައި ނޭމާ ކާމިޔާބު ކުރި ފުރަތަމަ ލަނޑު ކާމިޔާބުކުރީ ކަވާނީގެ އެހީތެރިކަމާއެކުއެވެ.