14 Aug 2017, 15:17
ރާއްޖެޓީވީ ރޯކޮށްލި ރޭ ރާއްޖެޓީވީ ހިންގަމުން ދިޔަ ބީކޭޓީ ބިލްޑިން ކުރިމަތިން އަންގި އެއް ފެނުނު ކަމަށް އެ މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހ. ގަސްވާ، މުހައްމަދު މީއާދުގެ ޝަރީއަތުގައި ހެކިބަސް ދިން ފުލުހުން ބުނެފި އެވެ.
ރާއްޖެޓީވީގައި ރޯކޮށްލާފައިވަނި 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ރާއްޖެ ޓީވީގައި ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ އުފުލާފައިވާ، ހ. ގަސްވާ، މުހައްމަދު މީއާދުގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު، މިއަދު އޮތީ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން ތިން ފުލުހެއްގެ ހެކިބަސް މިއަދު ވަނީ ނަގާފަ އެވެ.
އެގޮތުން ފުރަތަމަ ނަގާފައިވަނީ، ފޮލިސް ކޯޕަރަލްގެ މަގާމުގައި ހުރި އިމާދު އަހްމަދުގެ ހެކި ބަހެވެ.
ހެކިބަސް ދެމުން އިމާދު ބުނީ ، އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތިު ލިބުނީ، އެ އިމާރާތުގައި ރޯވި ރޭ ޑިއުޓީގައި އުޅެނިކޮށް ފުލުހުންގެ ޓޯކީއިން ގޮވުމުން ކަމަށެވެ. ނަމަވެސް ފުރަތަމަ ޓޯކީން ގޮވީ އެ އިމާރާތުގެ ބިއްލޫރި ގަނޑެއް ތަޅާލާފައިވާ ކަމަށާއި، ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އެތަނުގައި ރޯވެގެން އުޅޭ ކަމަށް ޓޯކީން ގޮވި ކަމަށް ހެކިބަސްދިން ފުލުސް މީހާ ބުންޏެވެ.
އޭނާ ބުނީ އެތަނަށް ދިޔަ އިރު ދުން އަރާތަން ފެނުނު ކަމަށާއި، އެތަނަށް ދިޔަ އިރުވެސް ފުލުހުންގެ ވެހިކަލެއް އެ ސަރަހައްދުގައި އޮތް ކަމަށެވެ. އޭރު ބަންގްލަދޭޝް މީހަކަށް އަނިޔާވެގެން އެ ވެހިކަލަށް އަރުވާތަން ފެނުން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭރު އިމާރާތުގެ މަތިން އަންހެން ކުއްޖަކު ސަލާމަތްކޮށްދިނުމަށް އެދި ގޮވާ އަޑު އިވުނު ކަމަށާއި، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އެ ކުއްޖާ ސަލާމަތް ކުރި ކަމަށް އިމާދު ބުންޏެވެ.
އެ ސަރަހައްދުން ހާދިސާ އާ ގުޅޭ އެއްވެސް އެއްޗެއް ފެނުނުތޯ ދައުލަތުން ސުވާލު ކުރުމުން އިމާދު ބުނީ، އަންގި ޖޯޑެއްގެ އެއް ކިބަ ފެނުނު ކަމަށާއި އެ އަންގި އެވިޑެންސް ބޭގަކަށް ލުމަށްފަހު ސީލް ކުރި ކަމަށެވެ.
އަދި އެ އަންގި ފެނިފައިވަނީ އިމާރާތުގެ ކުރިމަތިން ކަމަށާއި، އަންގި އޮތީ މަގުގެ މެދަކާ ހިސާބުގައި ކަމަށް އެނާ ބުންޏެވެ.
އެ އިމާރާތުން އޭރުވެސް ދުން އަރަމުން ދިޔަ ކަމަށާއި، ދުން ބޯކަމުން އެތެރެއަށް އޭނާ ވަދެފައިނުވާނެ ކަމަށެވެ.
ދެ ވަނަ މީހަކަށް ހެކިބަސް ދީފައިވަނީ އިމާދު އާ އެކު އެ ސީން އަށް ދިޔަ ޕޮލިސް ކޯޕްރަލް އަހްމަދު ލިޝާނެވެ.
ހެކިބަސް ދެމުން އޭނާ ބުނީ، ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ދިޔަ އިރު ބިދޭސީއަކަށް އަނިޔާވެގެން އޭނާ ގޮވައިގެން ޕޮލިސް ވެހިކަލެއްގައި އައިޖީއެމްއެޗަށް ދިޔަ ކަމަށެވެ. އެ ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި، ނަމަވެސް ހަމަލާދީފައިވަނީ ކޮން ތަނަކަށް ކަމެއް ނޭންގޭ ކަމަށެވެ. އަދި އޭނާގެ ގައިގައި ލޭ ހުރި ކަމަށް ލިޝާން ބުންޏެވެ. އަދި އޭނާ ހޮސްޕިޓަލަށް ދިޔަ އިރު އިމާދު އެ ސަރަހައްދުގައި މަޑުކުރި ކަމަށް ލިޝާން ބުންޏެވެ.
ލިޝާން ވެސް ވަނީ އެ ސަރަހައްދުން އަންގި ފެނުނު ކަމަށް ބުނެ ހެކިބަސްދީފައެވެ.
އެ ސަރަހައްދުގައި ހުރި ތިން ވަނަ ފުލުސް މީހާ ކަމުގައިވާ ޕޮލިސް ސާޖަންޓެއްގެ ކަމުގައިވާ މުހައްމަދު އިގުބާލު ވެސް މިއަދު ވަނީ ހެކިބަސްދީފައެވެ.
ހެކިބަސްދެމުން އޭނާ ވެސް ބުނެފައި ވަނީ އެ ސަރަހައްދުން އަންގިއެއް ފެނުނު ކަމަށާއި ނަމަވެސް އެ އިމާރާތުގައި ރޯކޮށްލުމާއި އެ އަންގިއާ އޮތް ގުޅުމެއް ނޭނގޭ ކަމަށް ހެކިބަސްދިން ތިން ފުލުހުން ވެސް ބުންޏެވެ.
ދައުލަތުން ފަސް ހެކިން ހުށަހެޅި އިރު ފުރަތަމަ ހެކިވެރިޔާގެ ހެކިބަސް މީގެ ކުރިން ވަނީ ނަގާފަ އެވެ. އޭނާގެ ހެކިބަސް ނަގާފައިވަނީ ސިއްރުންނެވެ. އަދި ބާކީ ހުރި ހެކިވެރިޔާގެ ހެކިބަސްވެސް ސިއްރުން ނެގުމަށް ދައުލަތުން ވަނީ އެދިފަ އެވެ.
ދައުވާ ލިބޭ މީއާދުގެ ވަކީލު މިއަދު ވިދާޅުވީ، ދައުވާގެ އިތުރުން ލިބިފައިވަނީ މިއަދު ހެކިބަސްދިން ތިން ފުލުހުން ތަހުގީގަށް ދީފައިވާ ބަޔާން ކަމަށާއި، އެހެން ލިޔުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ދިފާއު ބިނާ ކުރަން ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވަނީ އެ ހާދިސާގެ ފޮރެންސިކް ރިޕޯޓުތަކުގެ ކޮޕީއެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
ދައުލަތުން ވަނީ ކުރިއަށް އަޮތް ހަފްތާއެއްގެ ތެރޭގައި އިތުރު ލިޔުންތަކެއް ކޯޓަށް ހުށަހަޅާނެ ކަމަށާއި، އެ ލިޔުންތައް ދިފާއީ ވަކީލުންނަށް ދޫކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ޝަރީއަތް ނިންމަވާލައްވަމުން ގާޒީ އަލީ އާދަމް ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ބާކީ ހުރި ހެކިވެރިޔާގެ ހެކިބަސް ނެގުން ކަމަށެވެ. ނަމަވެސް ދެން އަޑުއެހުމެއް އޮންނާނެ ތާރީހެއް ގާޒީ ވިދާޅެއް ނުވެ އެވެ.