ރައްގާ(އޮގަސްޓް 14): ސީރިއާގެ ހަނގުރާމައިގައި އަނިޔާވާ މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ސީރިއަން ސިވިލް ޑިފެންސް ފޯސް ނުވަތަ ވައިޓް ހެލްމެޓްސްގެ ހަތް ދަރުމަވެރިންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

އިދްލިބްގެ އުތުރަށް އޮންނަ ސާމިންގައި ހުންނަ ވައިޓް ހެލްމެޓްސްގެ މަރުކަޒަކަށް އެހަމަލާ ދިނީ ކޮންބައެއްކަން އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ހަމަލާ ދިން މީހުން ވަނީ ދެ ބަހާއި، ހުދު ކުލައިގެ ހެލްމެޓުތަކަކާއި، ވޯކީ ޓޯކީތަކެއް ވަގަށް ނަގާފައި ކަމަށް ވައިޓް ހެލްމެޓްސްއިން ބުންޏެވެ.

ސީރިއާގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދުތަކުގައި ވައިޓް ހެލްމެޓްސް އިން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ 2013 ވަނަ އަހަރުއެވެ. އޭގެ ފަހުން މުޅި ދުނިޔެއިން ވަނީ އެޖަމްއިއްޔާގެ މަސައްކަތް ފާހަގަކޮށްފައެވެ. އަދި 2016 ވަނަ އަހަރު އެޖަމްއިއްޔާ ނޮބެލް އިނާމަކަށް ނޮމިނޭޓުވެފައިވެ އެވެ.

ވައިޓް ހެލްމެޓްސްއަށް ފައިސާގެ އެހީ ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ޖަރުމަނު، ނެދަލޭންޑްސް އަދި އެމެރިކާ ހިމެނެ އެވެ. އޭގެ ސަބަބުން ސީރިއާގައި އޮތް ބައްޝާރުލް އަސަދުގެ ސަރުކާރުން ވަނީ ވައިޓް ހެލްމެޓްސްއަކީ އެޖަމްއިއްޔާއަށް ފައިސާގެ އެހީ ފޯރުކޮށްދޭ ގައުމުތަކުން ބޭނުންވާ ގޮތަށް އަމަލުކުރާ ޖަމްއިއްޔާއެއް ކަމަށް ތުހުމަތުކޮށްފައެވެ. (އޭއެފްޕީ)