އައްޑޫ ސިޓީ ޕީޖީ އޮފީހަށް ބަޔަކު ގާ އުކައި އެތަނުގެ ބިއްލޫރި ގަނޑެއް ތަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވީ، ރޭ 3:50 ހާއިރު އައްޑޫ ސިޓީ ޕީޖީ އޮފީހަށް ބަޔަކު ގާ އުކުމުގެ ސަބަބުން އެތަނުގެ ކުޑަދޮރެއްގެ ބިއްލޫރި ގަނޑު ތަޅައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އަދި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ ކުރިން 2012 ވަނަ އަހަރު ފެބުރުއަރީ އަށް ވަނަ ދުވަހު ހިނގައިދިޔަ ހާދިސާ ތަކުގައި އައްޑޫ ޕީޖީ އޮފީހުގައި ވަނީ ރޯކޮށްލައިފައެވެ.