14 Aug 2017, 16:06
ގައިންގަޔަށް ނާރާ ބަލިތަކުގެ ހާލަތު މިސަރަހައްދުގެ އެހެންގައުމުތަކާ އަލާބަލާއިރު ރާއްޖޭގައި އޮތީ މާ ނުރައްކާތެރި ފައްތަރެއްގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ގައިންގައިން ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ސިއްހީ ހިދުމަތްދޭ ފަރާތްތައް އަހުލުވެރި ކުރުމަށް ހޮޓެލް ޖެންގައި މިއަދު ފެށި ވޯކްޝޮޕް ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ މިސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާ އިރު ޕަބްލިކް ހެލްތު ސެކްޓަރުގައި ރާއްޖެ ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކަމަށެވެ.
ނަމަވެސް ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކުގެ އާދަކާދަތަކާ ދިވެހިން ވެސް ގުޅިފައިވުމުގެ ސަބަބުން މިސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ގައިންގަޔަށް ނާރާ ބަލިތުގެ ހާލަތު ރާއްޖޭގައި މާ ނުރައްކާތެރި ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެކަމުން އަރައިގަތުމުގައި ކުރަން ޖެހިފައިވާ މަސައްކަތް ބޮޑު ކަމަށެވެ. ގައިން ގަޔަށް ނާރާ އާންމު ބަލިތަކުގެ ތެރޭގައި ޑައެބެޓިކްސް، ހިތުުގެ ބަލިތައް، ކިޑްނީ އަދި ކެންސަރުގެ ބަލިތައް ހިމެނެ އެވެ.

ގައިންގައިން ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ސިއްހީ ހިދުމަތްދޭ ފަރާތްތައް އަހުލުވެރި ކުރުމަށް ޓަކައި ހޮޓެލް ޖެން ގައި މިއަދު ފެށި ވާކްޝޮޕްގެ ތެރެއިން--ސަން ފޮޓޯ: ފަޔާޒު މޫސާް
"އެންސީޑީ (ނޮން ކޮމިއުނަބަލް ޑިޒީސް)ގެ ހާލަތަށް ބަލާއިރު ދިވެހިރާއްޖޭގެ ހާލަތު މިރީޖަންގެ ތަރައްގީވަމުން އަންނަ ގައުމުތަކަށް ވުރެ ނުރައްކާތެރި ހާލަތެއްގައި އޭ އޮތީ. އެއީ މިކަމުގައި ދިރާސާ ކުރައްވާ އަމަލީ ގޮތުން މަސައްކަތުގައި އެޅުއްވާ ބޭފުޅުން އަޅުގަނޑަށް ދެއްވާ މައުލޫމާތުތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުން ފެށިގެން ބުރާސްފަތި ދުވަހަށް ކުރިއަށްގެންދާ ވޯކްޝޮޕްގައި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިނލިގިލި ހޮސްޕިޓަލާއި އަދި ސެނަހިޔާ އަދި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެހީތެރިވާ ޖަމިއްޔާތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖޭންސީ އިން ބުނި ގޮތުގައި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާކުރުމުގައި މިހާރު ރާއްޖޭގެ ހޮސްޕިޓަލުގައި ބޭނުންކުރާ ގައިޑް ލައިންތަކަކީ އެހާ ރަހްމަތްތެރި ގައިޑުލައިންތަކެއް ނޫން ކަމަށާއި އަދި އޭގެ ސަބަބުން އެފަދާ ބަލިތަކަށް އާންމު ހޮސްޕީޓަލުތަކުން ފަރުވާތައް ދިނުމުގައި ވަރަށް އުނދަގޫ ކަމަށާއި އަދި އަދި ބަލިމީހުންނަށް ދޭން ޖެހޭ ސަމާލުކަމާއި މައުލޫމާތުތައް ވެސް އެހާކުޑަކުޑަ ވަގުތުކޮޅެއްގައި ރަނގަޅަށް ނުދެވޭ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ބުނި ގޮތުގައި ގައިންގަޔަށް ނާރާބަލިތަކަށް ގިނަ ފަހަރު މަގުފަހިވަނީ އެއްވައްޓަފާޅި އަކަށް އުޅުމުގެ ސަބަބުންނެވެ. އަދި މިއަދު ފެށި ވާކްޝޮޕްގެ ސަބަބުން އާދައިގެ ޑޮކްޓަރުންނަށް ދައްކަން އަންނަ ފާރާތްތަކަށް ވެސް ވިހާވެސް ބޮޑަށް ފައިދާތައް ލިބޭ ގޮތަށް ފަރުވާ ދިނުމަށްޓަކައި ގައިޑްލައިންތައް ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ބުންޏެވެ.
އެ ގައިޑުލައިންތަކުގެ ދަށުން ގައިން ގައިން ނާރާ ބަލިތަކުގައި ބަލިމީހާއަށް ދޭން ޖެހޭ ފުރިހަމަ މައުލޫމާތުތައް ކަނޑައެޅުމާއި އަދި އެފަދަ މައުލުމާތުތައް ދޭނެގޮތުގެ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ބުންޏެވެ.