23 Jul 2011, 13:53
މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ހާދިސާތަކުގެ ސަބަބުން ވަޒަން ގެއްލޭ މީހުންގެ ކަންތައްތައް ހަމަޖެއްސުމަށް ރާއްޖެ އިން ތައްޔާރުވުމަށް އދ.ގެ ސްޕެޝަލް ރެޕޮޓުއާ އޮން ހިއުމަން ރައިޓްސް އޮފް އިންޓާނަލީ ޑިސްޕްލޭސްޑް ޕާސަންސް ޗަލޯކާ ބެޔާނީ ގޮވާލައްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބެޔާނީ ވިދާޅުވި ކަމަށް އދ.ގެ ވެބްސައިޓްގައިވާ ގޮތުގައި 2004 ވަނަ އަހަރުގެ ސުނާމީގެ ސަބަބުން ރާއްޖެ ވެފައި ވަނީ އަމިއްލަ ގައުމުގައި ވަޒަން ގެއްލިފައިވާ މީހުންގެ ކަންތައްތަކާ ރައްޓެހި ގައުމަކަށެވެ.
"މޫސުމަށް އަންނަ ބަދަލުތައް ހަގީގަތުގައި ވެސް ރާއްޖޭން ދަނީ ފެންނަމުން. އެކަމުގެ ސަބަބުން ގެދޮރު އެޅުމާއި ސާފުފެން ލިބުމާއި ދިރިއުޅުމުގެ ހައްގު ފަދަ ހައްގުތަކަށް ދަނީ އަސަރުކުރަމުން،" ބެޔާނީ ވިދާޅުވި ކަމަށް އދ.ގެ ވެބްސައިޓްގައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަށް ގިރުމާއި ފެންލޮނުވުން އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި އަވަސް އަވަހަށް އަންނަ ތޫފާންތައް ފަދަ ކަންތައްތަކަކީ އަޅާ ނުލާ ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑެތި ކަންތައްތަކެވެ.
"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަޒަން ގެއްލޭ މީހުންނަށް ތައްޔާރުވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އިންސާނީ ހައްގުތަކުގެ ނަޒަރިއްޔާއަކުން ވިސްނައި އަޅައިގެން ތިބުމާއި އެކަމުގައި އަސަރުކޮށްފައިވާ މުޖުތަމައުތައް ބައިވެރިކުރެވޭ ފަދަ ނިޒާމެއް ގާއިމްކުރުން މުހިއްމު،" ހަ ދުވަހުގެ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ބެޔާނީ ވިދާޅުވެފައިވެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އާދައިގެ މީހުންގެ ދިރިއުޅުމަށް ކޮށްފައިވާ އަސަރުތަކަށް ސަމާލުކަންދީ އެކަންތައްތަކާއި އެ ދިރިއުޅުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ މިހާރުން މިހާރަށް އަވަސްކަމާ އެކު އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށް ބެޔާނީ ވިދާޅުވި އެވެ.
މިދިޔަ އަހަރުން 2020 ވަނަ އަހަރާ ހަމައަށް އެކުލަވާލާފައިވާ، ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގައުމީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތަށް މަސައްކަތްކުރުމަށް ހަދަން ޖެހޭ ގާނޫނުތައް ހެދުމުގެ މުހިއްމުކަން ވެސް ބެޔާނީ ފާހަގަކުރެއްވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަޒަން ގެއްލޭ މީހުންނަށް ދިގު މުއްދަތުގެ ހައްލެއް ހޯދުމުގެ މުހިއްމުކަން ފާހަގަ ކުރައްވަމުން ބެޔާނީ ވިދާޅުވެފައި ވަނީ އެމީހުންގެ ރަށަކީ އަލުން އާބާދުވެވޭ ފަދަ ހާލަތެއްގައި އޮތް ރަށެއް ނަމަ އެ ރަށަށް އެމީހުން އަނބުރާ ގެންދިއުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
ބެޔާނީ ވިދާޅުވެފައިވާ ގޮތުގައި ގާނޫނުތައް ހެދުމުގައި 2004 ވަނަ އަހަރުގެ ސުނާމީގައި ހާލުގައި ޖެހުން މީހުންގެ ދިރިއުޅުމުން އިބުރަތް ހާސިލްކުރުން މުހިއްމެވެ. އަދި އެ ކާރިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން 1600 މީހުން މިހާރު ވެސް ވަގުތީ ހިޔާތަކުގައި ވަރަށް ދަތި ހާލުގައި ދިރިއުޅެމުން ދާތީ އެމީހުންނަށް ސަމާލުކަން ދީ އަޅާލުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.
ޗެލޯކާ ބެޔޭނީ އަކީ މިނިވަންކަމާ އެކު ހިލޭސާބަހަށް އދ. އަށް މަސައްކަތް ކޮށްދެއްވާ ބޭފުޅެކެވެ. އޭނާ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ހޯއްދަވާފައިވާ ހޯއްދެވުންތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފުރިހަމަ ރިޕޯޓް ޖެނީވާގައި ހުންނަ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށައަޅުއްވާނީ އަންނަ އަހަރުގެ މާޗް މަހު އެވެ.