19:00


ގުއަންޓަނާމޯބޭ ޖަލުގައި ތިބި މީހުން ރާއްޖެ ގެނައުމާ ބެހޭގޮތުން ދައްކާ ވާހަކަތައް އަޑުއައްސަވަން ބޭނުންފުޅު ނޫން ކަމަށް ވިދާޅުވެ އެކަމާ ބެހޭގޮތުން ސުވާލު ވެސް ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންނެފި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މައްސަލައާ ބެހޭގޮތުން ނޫސްވެރިން ދެންނެވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެނައުމުގައި ގާނޫނީ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ. އަދި ރާއްޖެ އަކީ ސަތޭކަ ޕަސެންޓް މުސްލިމުން މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށްވާއިރު ގުއަންޓަނާމޯބޭ ޖަލުގައި ތިބި މީހުންނާ އަޅާނުލެވުމުން ބައިނަލްއަގްވާމީ ދުނިޔެއަށާއި ފޮތުގެ އެހެން އަހުލުވެރިންނަށް ދެއްކޭ ނަމޫނާއާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.


ރައީސް ނަޝީދު އަދި ވިދާޅުވީ އެކަމާ ބެހޭގޮތުން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސަށް އެ މަނިކުފާނު ގުޅުއްވި ކަމަށާއި ފަލަސްތީނުގެ ރައްޔިތަކު ވެސް އެ ގައުމުގެ ޕާސްޕޯޓް ނެތި އެ ގައުމަށް ގެންދެވެން ނެތް ކަމަށް އައްބާސް ވިދާޅުވި ކަމަށެވެ. އަދި ފަލަސްތީނުގައި އެހެން އޮތްއިރު ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު ބުނާ ގޮތުން ބިދޭސީއަކަށް އެ މީހެއްގެ ގައުމުގެ ޕާސްޕޯޓް ނެތި ރާއްޖެ އެތެރެނުވެވޭނެ ކަމަށާއި ޕާސްޕޯޓް ނެތް ނަމަ ހާއްސަ ލިޔުމެއް ބޭނުންވާއިރު އެއީ ޓެރަރިސްޓުންގެ ތުހުމަތުގައި ތިބި ބައެއް ނޫންތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް ނަޝީދު ވަނީ ހުރިހާ ކަމެއް ކުރިއަށް ގެންދަވަނީ ބަންޑާރަ ނާއިބުގެ ލަފާގެ މަތިން ކަމަށެވެ.


ގުއަންޓަނާމޯބޭ ޖަލުގައި ތިބި މީހުން ރާއްޖެ ގެނައުމާބެހޭގޮތުން އުފެދޭ ގާނޫނީ ސުވާލުތައް ފާހަގަ ކުރައްވައި، މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖެ އަންނަ ބިދޭސީއެއްގެ އަތުގައި، އޭނާ ނިސްބަތްވާ ޤައުމުގެ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ސައްހަ ޕާސްޕޯޓެއް އޮންނަންޖެހޭ ކަމަށާއި، ޕާސްޕޯޓު ނެތްނަމަ، އެފަދަ ރަސްމީ ލިޔުމެއް އޮންނަންޖެހޭކަމަށް އިމިގްރޭޝަން ޤާނޫނުގައި ބުނާ ކަމަށެވެ. އަދި ގުއަންޓަނަމޯބޭއިން ގެންނަ މީހުން އަތުގައި އެފަދަ ލިޔުމެއް އޮވެދާނެކަމާމެދު ސުވާލު އުފެދޭކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި އިމިގްރޭޝަން ޤާނޫނު ބުނާގޮތުން ބިދޭސީއަކަށް ރާއްޖެއަށް އެތެރެވެވެނީ ވިސާގެ ބާވަތްތަކުގެ ތެރެއިން ވިސާއެއް ހޯދައިގެން ކަމަށާއި އޭގެތެރެއިން މިފަދަ ބަޔަކަށް ދޫކުރާނީ ހާއްސަ ވިސާއެއްކަމަށް ބެލެވޭއިރު ވިސާއެއް ދޫކުރެވޭނީވެސް، ރާއްޖެ އައުމުގެ ހުއްދައޮތް ބާވަތުގެ މީހުންގެ ތެރެއިން މީހަކު ރާއްޖެ އަންނަނަމަ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެ އައުމުގެ ހުއްދަ ނެތް ކަމަށް، ޤާނޫނު ބުނާ މީހުންގެ ތެރޭގައި ހިމެނޭ ތަފާތު ބާވަތުގެ މީހުންގެ ތެރޭގައި، ޓެރަރިސްޓް ޖަމާޢަތަކަށް ނިސްބަތްވާ މީހުންނާއި، އެފަދަ ޖަމާޢަތަކާ ގުޅުންހުރި ކަމަށް “ބެލެވޭ” މީހުންނާއި، ޤައުމުގެ ރައްކާތެރި ކަމަށާއި ސަލާމަތަށް އުނިކަމެއް ފޯރުކޮށްފާނެ ކަމަށް “ބެލެވޭ” މީހުން ހިމެނޭ ކަމަށާއި، ރާއްޖެ ބައިވެރިވާ މުޢާހަދާއެއްގެ ދަށުން މިކަން ކުރާނަމަ، މުޢާހަދާއަކަށް ދައުލަތުން ޢަމަލުކުރެވެނީ، ކަމާގުޅޭ ގޮތުން ޤާނޫނެއް ފާސްކޮށްގެން ކަމަށް ގާނޫނުއަސާސީ ބުނާއިރު އެކަހަލަ ޤާނޫނެއް އަދި ފާސްކޮށްފައި ނެތް ކަމަށް ވެސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެ އެވެ.


މި މައްސަލަ ބެލުމަށް ތައްޔާރު ވަމުންދާ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވީ، އެވާހަކައަކީ ދައްކަންޖެހޭ ވާހަކައެއް ކަމަށެވެ. އަދި އެކަމާބެހޭ މައުލޫމާތު ވަރަށް ރަނގަޅަށް ރައްޔިތުންނަށް އެންގެންޖެހޭނެ ކަމަށް ވެސް އިދިކޮޅު ޕީޕަލްސް އެލަޔަންސްގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވި އެވެ.