14 Aug 2017, 13:08
ޗެލްސީން ޑިއެގޯ ކޮސްޓާއާ މެދު އަމަލުކުރަމުން ދަނީ " ކުށްވެރި" އަކާ މެދު އަމަލުކުރާ ގޮތަށް ކަމަށް އޭނާ ބުނެފިއެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޗެލްސީންވަނީ، ހުއްދައަކާ ނުލައި ފަރިތަ ކުރުންތަކަށް ކޮސްޓާ ހާޒިރު ނުވާކަމަށް ބުނެ އޭނާ ޖޫރި މަނާކޮށްފައެވެ. ޗެލްސީން ކޮސްޓާ ޖޫރިމަނާކުރީ 300،000 ޕައުންޑަށްވުރެ ބޮޑު އަދަދަކުންނެވެ.
ޖޫރިމަނާއާ ގުޅޭ ގޮތުން ވާހަކަދައްކަމުން ކޮސްޓާ ބުނީ އޭނާއަށް ޗެލްސީން އެގޮތަށް ކަންތައް ކުރަނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށާއި އޭނާ އަކީ ކުށްވެރިއެއް ނޫންކަމަށެވެ.
ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ކޮސްޓާ ޓީމުގައި ހިމަނާފައި ނުވާއިރު އެ މެޗުގައި ބާންލީ އަތުންވަނީ ޗެލްސީ ބަލިވެފައެވެ. އެ މެޗު ކުޅުނު އިރުވެސް ކޮސްޓާ ހުރީ އޭނާގެ އުންފަން ގައުމު ބްރެޒިލްގައެވެ.
ކޮސްޓާ ބުނީ އޭނާ އަނބުރާ ދިޔަނަމަވެސް އެންމެ ކުޑަމިނުން ޗޭންޖިންގ ރޫމަށްވެސް އޭނާ ވަނުމުގެ ހުއްދަ ނުދޭނެ ކަމަށާއި ޗެލްސީގެ އެއްވެސް މިހަކާ އެއްވެސް ކަހަލަ ގުޅުމެއް މިހާރު ނޯންނަ ކަމަށެވެ.
" އަހަންނަކީ ކުށްވެރިއެއް ނޫން. އަހަރެންނާ މެދު އަމަލުކުރާ ގޮތަކީ އިންސާފެއް ނޫން. އެމީހުން އަހަރެންނަށް ޕްރީ ސީޒަން ފަރިތަކުރުން ތައް ފެށުމުގެ ކުރިން އެއް ހަފްތާ އިތުރަށް އޮފް ދިން. ނަމަވެސް މިހާރު އެއޮތީ ޖޫރިމަނާކޮށްފަ،" ޗެލްސީއަށް 20 ލަނޑު ކާމިޔަބުކޮށްދީފައިވާ ކޮސްޓާ ބުންޏެވެ.
އުމުރުން 28 އަހަރުގެ ފޯވަޑް އިތުރަށް ބުނީ ޗެލްސީން އެދުނީ އޭނާ އަނބުރާ ގޮސް ބަދަލު ކުޅުންތެރިންނާ އެކު ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ކަމަށާއި އެކަން އެގޮތަށް ނުކުރާނެ ކަމަށެވެ.
ކޮސްޓާ ބުނީ އޭނާ ކިތަންމެ ވަރަކަށް ޖޫރިމަނާ ކުރިއަސް މައްސަލައެއް ނެތް ކަމަށާއި ޒަމީރު ގަބޫލު ނުކުރާ ކަމަކަށް ދުވަހަކުވެސް އެއްބަސް ނުވާނެ ކަމަށެވެ. އަދި އަހަރު ދުވަސް ވަންދެން ޖޫރިމަނާ ކުރިއަސް ޗެލްސީން ބޭނުންވާހާ ގޮތަކަށް ނަހަދާނެ ކަމަށާއި އަލުން އަނބުރާ އަންނާނީ އިތުރަށް ވަރުގަދަކޮށްކަމަށެވެ.
ކޮސްޓާ ވަނީ ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭއަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އޭނާ ބުނީ މިހާދުވަސް ވަންދެން ކޯޗް ބޭނުން ނުވާ ކުޅުންތެރިއަކު ހިފަހައްޓަންވީ ސަބަބެއް ނޭނގޭ ކަމަށާއި ނަމަވެސް ކޮންޓޭ އަކީ ކޯޗެއްގެ ގޮތަށް މޮޅު ކޯޗެއް ނަމަވެސް އޭނާއަކީ ކުޅުންތެރިންނާ ދުރު މީހެއް ކަަމަށެވެ.
ކޮސްޓާ ވަނީ މީގެ ކުރިން އޭނާ ކުޅުނު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެފައެވެ.