ވަގަޑޫގޫ (އޮގަސްޓް 14): ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބުރްކިނާ ފާސޯގެ ވެރިރަށް ވަގަޑޫގޫގެ ރެސްޓޯރެންޓަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 17 މީހަކު މަރުވެއްޖެ އެވެ.

ބުރްކިނާ ފާސޯގެ ކޮމިއުނިކޭޝަން މިނިސްޓަރު ރެމިސް ޑަންޖީނޯ ވިދާޅުވި ގޮތުގައި އެހަމަލާގެ ސަބަބުން ބައެއް މީހުން ރެސްޓޯރެންޓު ތެރޭގައި އަދިވެސް ތާށިވެފައި ތިބުމުން ހަމަލާގައި ބައިވެރިވީ ކިތައް މީހުންކަން އަދި ޔަގީންވެފައި ނުވެ އެވެ. ނަމަވެސް ސަލާމަތީ ފައުޖުތަކުން ވަނީ ހަތިޔާރު އަޅައިގެން ތިބި ދެ މީހަކު މަރާފައި ކަމަށް ވެސް ޑަންޖީނޯ ވިދާޅުވި އެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި އަޒީޒް އިސްތަންބޫލް ރެސްޓޯރެންޓުގެ ބޭރުގައި ތިބި ކަސްޓަމަރުންނަށް ހަމަލާ ދިނީ ބަޑި ހިފައިގެން ތިބި ތިން މީހެކެވެ.

އެގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެހާދިސާގައި މަރުވި 17 މީހުންނަކީ ކޮންބައެއްކަން ޔަގީން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި އެހާދިސާގައި އަނިޔާވި އަށް މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އެހަމަލާއަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެސަރަހައްދުގައި ހުންނަ ކެފޭއަކަށް ދިން ހަމަލާއާ އެއްގޮތް ހަމަލާއެކެވެ. އަލް ގައިދާއިން ދިން އެހަމަލާގައި 170 މީހަކު ރަހީނުކޮށް، 30 މީހަކު މަރާފައިވެ އެވެ. (ބީބީސީ)