14 Aug 2017, 10:41
މާތްﷲ ގެ ފޮތުގެ ކުރިމަތީގައި އިސްތަށިފުޅު ލެންބެވުން
ކީރިތި ޤުރްއާން މުސްލިމުންނަށް އުނގަންނަވައި ދެއްވާ އެއް އުނގަންނައި ދެއްވުމަކީ ޖާހިލުންނާ އެއްކިބާވެގަތުމެވެ. އާދެ، ޖާހިލުން ދައްކާ ރުޅިއަންނަ ޒާތުގެ ވާހަކަތަކާ މެދު ރުޅި ނައުމެވެ. އެފަދަ ވާހަކައެއް އިވުމުން ފަހަރެއްގައި ރުޅި އައިކަމުގައިވިޔަސް އެއީ ޝައިޠާނާގެ ވަސްވާސްކަން ވިސްނައިގަނެ އެކަމުން ސަލާމަތް އެދުމެވެ. ކޮންމެފަދަ ޙާލަތެއްގައިވެސް އެފަދަ މީހުންގެ ވާހަކަތަކަށް އަޅައިނުލައި ދޫކޮށްލުމެވެ. މިކަމާ ގުޅޭގޮތުން ކީރިތި ޤުރުއާނުގައި އަމުރުކުރައްވައިފައިވެއެވެ.
"ކަލޭގެފާނު ޢަފޫ ކުރެއްވުމުގައި ހިއްޕަވާށެވެ. އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! އަދި ހަމަ ކަށަވަރުން ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ ﷲ ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން އެކަލާނގެއީ މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން ތަޤްވާވެރިވި މީހުންގައި، ޝައިޠާނާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެބައިމީހުން ﷲ ހަނދުމަކުރެއެވެ. ފަހެ، އެހިނދު ލޯ ހުޅުވިފައިވާ ބަޔަކު ކަމުގައި އެބައިމީހުންވެއެވެ. އަދި އެ ޝައިޠާނުންގެ އަޚުން އެބައިމީހުން މަގު ފުރެއްދުމުގެ ތެރޭގައި ދަމަހައްޓައެވެ. ދެން އެކަންތަކުގައި އެބައިމީހުން ދުލެއްނުކުރެއެވެ. " (އަލްއަޢުރާފު : 202—199)
ޞަޙީޙު ބުޚާރީގެ ތަފްސީރާ ބެހޭ ބާބުގައި އަލްއަޢުރާފް ސޫރަތުގެ 199 ވަނަ އާޔަތުގެ ތަފްސީރުގައި ޙާދިޘާއެއްގެ ވާހަކަ ބަޔާންކުރައްވައިފައިވެއެވެ. އެއީ ޢުމަރުލް ފާރޫޤު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ދުވަސްވަރުގެ ޙާދިޘާއެކެވެ. އެ ޙާދިޘާ ތިރީގައި މިދަންނަވަނީއެވެ.
ޢުބައިދުﷲ ބުނު ޢަބްދުﷲ ބުނު ޢުތުބާ ވިދާޅުވެފައިވެއެވެ. ޢަބްދުﷲ ބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ޢުޔައިނަތު ބިން ޙިޞްނު ބިން ޙުޛައިފާ މަދީނާއަށް އައެވެ. އޭނާ ހުރީ އޭނާއަށް ބޮޑުބޭބޭ ވިދާޅުވާ ބޭކަލެއްކަމުގައިވާ އަލްޙުއްރު ބިން ޤައިސުގެ ގެކޮޅުގައެވެ. އަލްޙުއްރު ބިން ޤައިސަކީ ޢުމަރުގެފާނު އެކަލޭފާނު އެކަލޭގެފާނާ އަރިސްކުރައްވައިފައިވާ ބޭކަލުންކުރެ އެއްބޭކަލެކެވެ. އެކަލޭގެފާނަކީ ޢުމަރުގެފާނުގެ މުޝީރެކެވެ. ޢުޔައިނަތު އޭނާގެ ކޮއްކޮ ގާތު ބުންޏެވެ. އޭ ކޮއްކޯއެވެ. ކަލެޔަކީ އަމީރުލް މުއުމިނީން އާ އަރިސް މީހަކީމުއެވެ. އަހަންނާ އެކަލޭގެފާނާ ބައްދަލު ކުރުވައިދޭށެވެ. އެއަށްފަހު އަލްޙުއްރު އަމީރުލް މުއުމިނީންގެ އަރިހުން ޢުޔައިނަތު އެކަލޭގެފާނުގެ އަރިހަށް ގެންދެވުމުގެ އިޒުނަ އެދިވަޑައިގެންނެވިއެވެ. ޢުމަރުގެފާނު އެކަމުގެ ހުއްދަ ދެއްވިއެވެ.
ޢުޔައިނަތަށް ޢުމަރުގެފާނުގެ އަރިހަށް ދެވުނުހިނދު އޭނާ ދެންނެވިއެވެ. " އޭ ޚައްޠާބުގެ ދަރިފުޅާއެވެ! މާތްކަލާނގެ ގަންދެމެވެ. ކަލޭގެ އަހަރެމެންނަށް އެއްވެސް މުދަލެއް ނުދެމުއެވެ. އަދި އަހަރެމެންގެ މެދުގައި އިންޞާފެއްވެސް ޤާއިމެއް ނުކުރަމުއެވެ."
އެވާހަކަ އަޑުއިވިވަޑައިގަތުމުން ޢުމަރުގެފާނު ކޯފާއިސްވިއެވެ. ޢުޔަނަތާމެދު ފިޔަވަޅު އަޅުއްވާން ޤަސްދުކުރެއްވިއެވެ. އެވަގުތު އަލްޙުއްރު ބިން ޤައިސު، ޢުމަރުގެފާނަށް ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީނެވެ! މާތްﷲ ކީރިތި ޤުރުއާނުގައި އެކަލާނގެ ނަބިއްޔާއަށް އަމުރުކުރައްވައިފައިވެއެވެ. "ކަލޭގެފާނު ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެވަޑައިގަންނަވާށެވެ!" (އަލްއަޢުރާފް : 199) ހަމަކަށަވަރުން މީނާއަކީ ޖާހިލުންގެ ތެރެއިން ހިމެނިގެންވާ މީހެކެވެ.
ރާވީ ވިދާޅުވެފައިވެއެވެ. މާތްﷲ ގަންދެއްވަމެވެ. އަލްޙުއްރު ޢުމަރުގެފާނުގެ ކުރިފުޅުމަތީގައި އެއާޔަތް ކިޔަވައި ވިދާޅުވުމުން އެހާތަނުން ޢުމަރުގެފާނު ޢުޔައިނަތާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅުއްވައެވެ. ޢުމަރުގެފާނަކީ މާތްﷲ ގެ ފޮތަށް އިންތިހާ ދަރަޖައަށް ކިޔަމަންތެރިވެ ވަޑައިގަންނަވާ އަދި އެފޮތުގެ ކުރިމަތީގައި އިސްތަށިފުޅު ލަންބަވާ ބޭކަލެކެވެ.
މިމިސާލުން ދައްކައިދެނީ ރަސޫލާގެ ޞަޙާބީންގެ ވަރަށް މުހިންމު ސިފަފުޅުކެވެ. އާދެ، ރަސޫލާގެ ޞަޙާބީން މާތްﷲ ގެ ފޮތުގެ ކުރިމަތީގައި ވަގުތުން ހުއްޓިވަޑައިގަންނަވައެވެ. މާތްﷲ ގެ އަމުރުފުޅު އެބޭކަލުންގެ ކުރިފުޅުމައްޗަށް އަންނައިރަށް އެބޭކަލުން ކުޑަވެސް މަޑުކުރެއްވުމަކާ ނުލައި އެބޭކަލުންގެ އަތްޕުޅާއި ފައިންޕުޅާއި ދޫފުޅު ހުއްޓަވައިލައްވައެވެ. އެބޭކަލުން ކުރިއަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުފުޅުގައި ކަސްތޮޅުއަޅުވަން ޙައްޤުގެ އެންމެ ދަލީލަކުން ފުދެއެވެ. އެދަލީލުގެ ފަހަތުގައި އިޙްސާސްވާކަހަލަ މާއްދީ ބާރެއް ނެތްކަމުގައިވިޔަސް ވެހެވެ.
މިއީ އިންސާނުންގެ ތެރޭގައި ވަރަށް ނާދިރު ސިފައެކެވެ. ދުނިޔޭގެ ކުރިމަތީގައި މިސިފަ ހާމަކުރައްވައިފައިވަނީ މާތް ޞަޙާބީން މެދުވެރިކުރައްވައެވެ. އާދެ، މީހެއްގެ ހިތުގެ ތެރޭގައި ރުޅިވެރިކަމުގެ ޝުޢޫރުކެކިގަނެ އެމީހެއްގެ ކުރިމަތީގައި "އަހަރެން" ވަންތަކަމުގެ މަސްއަލަ އުފެދޭ ވަގުތު އޭނާ ހުންނަނީ އެއްވެސް ދަލީލެއްގެ އަޑު އަހަން ތައްޔާރަކަށް ނޫނެވެ. މާތް ޞާޙާބީންނަކީ އެބޭކަލުންގެހިތްޕުޅުގައި ކިތަންމެ ވަރުގަދަ ޖަޒުބާތީ އޮއިވަރެއް ހިނގަމުންގޮސްގޮސް ހުރި ކަމުގައިވިޔަސް އެބޭކަލުން ހިމޭންކުރުވުމަށްޓަކައި ކީރިތި ޤުރުއާނުގެ އެންމެ އާޔަތަކުން ފުދޭ ބޭކަލުންނެވެ.
މިދުނިޔޭގައި މާތްﷲ ގެ އަމުރުފުޅު އިންސާނުންގެ ކުރިމައްޗަށް އަންނަނީ ލަފުޡުތަކެއްގެ ސިފައިގައެވެ. ނަމަވެސް އެފަދަ އަމުރުފުޅެއްގެ އަޑު އިވިވަޑައިގަތުމުންވެސް އެބޭކަލުންގެ ޙާލުކޮޅު ހުންނަނީ މާތްﷲ އެކަލާނގެ ގަދަ ކީރިތިވަންތަކަމާއެކު އެބޭކަލުންގެ ކުރިފުޅުމަތީގައި ހާމަވެ ވޮޑިގެންނެވުމެކޭ އެއްވެސް ތަފާތެއް ނެތްގޮތެއްގައެވެ.
އެންމެ މަތީ ދަރަޖައިގެ އިންސާނީ ސިފަތަކުގެ ތެރޭގައި މިދަންނަވާ ސިފަތައް ހިމެނެއެވެ. ތިމާއާއި އެމީހަކާމެދު ޚިލާފު އުފެދިފައިވާ މީހަކާމެދު ޢަދްލުވެރި ގޮތުގައި ކަންތައް ކުރުމެވެ. އެމީހެއްގެ ސަބަބުން ތިމާގެ ޟަމީރު ޒަޚަމްވެފައިވާ މިހަކާ ކުރިމަތިލާއިރު ކެތްތެރިވުމެވެ. އެމީހެއްގެ ގޮތްނެތްކަމުގެ ސަބަބުން ތިމާ ރުޅިއަރުވައިލައިފައި ހުރި މީހަކާ މުޢާމަލާކުރާއިރު ތިމާގެ ރުޅިވެރިކަން ބަރުދާސްތުކުރުމެވެ. ތިމާއާމެދު އިހާނެތިކޮށް ހިތުމާއި ނިކަމެތިކޮށްލުމުގެ ގޮތް ގެންގުޅޭ މީހެއްގެ ކިބައިން ބަދަލުނުހިފުމެވެ. މާތް ރަސޫލާގެ ޞަޙާބީންނަކީ މިދެންނެވި ރީތި ސިފަތައް އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިވަޑައިގެން ތިއްބެވި ނަމޫނާ އިންސާނުންނެވެ.