14 Aug 2017, 09:57
ދިއްލީ (އޮގަސްޓް 14): އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި ގިނަ އަދަދެއްގެ މީހުން ތިބި ދެ ބަސް ފުރޮޅާލުމުގެ ސަބަބުން 50 މީހަކު މަރުވެއްޖެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ވެހުމުގެ ސަބަބުން ހިނގި އެ ހާދިސާގައި ބަހުގައި ތިބި މީހުން ވަނީ ކިސަޑާއި ކުނީގެ ދަށުގައި ވަޅުލެވިފައި ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ. އަދި މަރުވި މީހުންގެ ތެރެއިން 46 މީހެއްގެ ހަށިގަނޑު ފެނިފައިވާ އިރު ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން އޭގެ ތެރެއިން އެއް ބަސް ދަތުރު ކުރަމުން ދިޔައީ ހިމާޗަލް ޕްރަދޭޝްގެ މަނާލީއަށެވެ. އަދި ދެ ވަނަ ބަސް ދަތުރު ކުރަމުން ދިޔައީ ކަޝްމީރުގެ ކަތްރާ އަށެވެ.
އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ހިމާޗަލް ޕްރަދޭޝްގެ ރެވެނިއު މިނިސްޓަރު ހަތަރު ލައްކަ ރުޕީސް (6251 ޑޮލަރު) ދެއްވި އިރު ޓްރާންޕޯޓް މިނިސްޓަރު ވަނީ އެފަރާތްތަކަށް އެއް ލައްކަ ރުޕީސްގެ އެހީ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. (ޓައިމްސްއޮފްއިންޑިއާ)