ތިން އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ 17 ވަނަ މައިލޯ އިންޓަ ސުކޫލް ވޮލީ މުބާރާތުގައި އިއްޔެ ވެސް އަށް މެޗެއް ކުޅުނެވެ.

ޒުވާނުންގެ މަރުކަޒުގައި އިއްޔެ ކުޅުނު އަށް މެޗްގެ ތެރެއިން މެޗްތައް ކާމިޔާބު ކުރި ސުކޫލްތަކަކީ، މުހިއްޔުއްދީން، ގިޔާސުއްދީން، ތާޖުއްދީން، ހިރިޔާ، ދަރުމަވަންތަ، ގަލޮޅު މަދަރުސާ އަދި ވިލާ އިންޓަނޭޝަނަލް ސުކޫލެވެ.
އިއްޔެ ކުޅުނު 14 އަހަރުން ދަށުގެ އަންހެން ކުދިންގެ މެޗް ވިލިމާލޭ މުހިއްޔުއްދީން ސުކޫލުން ކާމިޔާބުކުރީ ލާލޭ އިންޓަ ނޭޝަނަލް ސުކޫޅާއި ބައްދަލުކޮށް ސީދާ ސެ ސެޓުން މެޗް ކާމިޔާބު ކޮށްގެން ނެވެ. ފުރަތަމަ ސެޓް 25-18 އިން ކާމިޔާބު ކުރި އިރު ދެ ވަނަ ސެޓް މުހިއްޔުއްދީނުން ކާމިޔާބު ކުރީ 25-10 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ މުހިއްޔުއްދީން ސުކޫލްގެ އައިސަތު ފިރާސާ އެވެ. އަދި ދެ ވަނަ މެޗްގައި ވެސް ބައްދަލުކުރީ 14 އަހަރުން ދަށުގެ އަންހެން ކުދިންގެ މެޗެކެވެ.

އެގޮތުން ދެ ވަނަ މެޗް ގިޔާސުއްދީން ސުކޫލާ ވާދަކޮށް، ޖަމާލުއްދީން ސުކޫލް ސުކޫލް ބަލިވީ ސީދާ ދެ ސެޓުން ނެވެ. އެގޮތުން ފުރަތަމަ ސެޓް 25-12 އިން ގިޔާސުއްދީން ކާމިޔާބު ކުރި އިރު ފަހު ސެޓް ވެސް އެ ޓީމުން ކާމިޔާބު ކުރީ 25-13 އިން ނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ގިޔާސުއްދީންގެ ފާތުމަތު ދުންޔާ އެވެ.

އިއްޔެ ކުޅުނު 14 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗް ގިޔާސުއްދީން ސުކޫލުން ކާމިޔާބު ކުރީ ޖަމާލުއްދީން ސުކޫލާއި ވާދަކޮށް ސީދާ ދެ ސެޓުން ނެވެ. ފުރަތަމަ ސެޓް 25-19 އިން ގިޔާސުއްދީން ކާމިޔާބު ކުރިއިރު ފަހުސެޓް އެޓީމުން ކާމިޔާބު ކުރި 25-15 އިން ނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ގިޔާސުއްދީން ސުކޫލްގެ އަނޫފް އަހުމަދެވެ. އަދި ދެ ވަނަ މެޗް ކަލާފާނާ ބައްދަލުކޮށް ތާޖުއްދީނުން ކާމިޔާބު ކުރި ދެ ސެޓް އެއް ސެޓުން ނެވެ. މެޗްގެ ފުރަތަމަ ސެޓް 25-19 އިން ތާޖުއްދީން ކާމިޔާބު ކުރި އިރު ދެ ވަނަ ސެޓް ކަލާފާނުން ކާމިޔާބު ކުރީ 25-21 އިން ނެވެ. އަދި ފަހު ސެޓް ތާޖުއްދީނުން ކާމިޔާބު ކުރީ 16-14 އިން ނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ތާޖުއްދީން ސުކޫލްގެ އިޖާބަތު ލަތީފެވެ.

މީގެ އިތުރުން އިއްޔެ ވަނީ 16 އަހަރުން ދަށުގެ ބައިގައި ވާދަކުރާ އަންހެން ކުދިންގެ މެޗަކާއި ފިރިހެން ކުދިންގެ މެޗެއް ވެސް ކުޅެފަ އެވެ. އެގޮތުން ފިރިހެން ކުދިންގެ މެޗް ދަރުމަވަންތަ ސުކޫލުން ކާމިޔާބު ކުރީ ވާދަވެރި މަޖީދިއްޔާއާ ބައްދަލިކޮށް ސީދާ ދެ ސެޓުން ނެވެ. ފުރަތަމަ ސެޓް ދަރުމަވަންތައިން 25-20 އިން ކާމިޔާބު ކުރި އިރު ފަހުސެޓް ދަރުމަވަންތަ އިން ކާމިޔާބު ކުރީ 27-25 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ދަރުމަވަންތަ ސުކޫލްގެ ރަސީދެވެ. މިބައިގެ އަންހެން މެޗް ހިރިޔާ ސުކޫލުން ކާމިޔާބު ކުރި މުހިއްޔުއްދީން ސުކޫލާއި ބައްދަލުކޮށް ސިދާ ދެ ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހިރިޔާގެ އާމިނަތު ނަބާހާ ހޮވުނުއިރު، މެޗްގެ ފުރަތަމަ ސެޓް ހިރިގާ ޓީމުން ކާމިޔާބު ކުރީ 25-20 އިންނެވެ. އަދި ފަހު ސެޓް ހިރިޔާއިން ކާމިޔާބު ކުރީ 25-14 އިންނެވެ.

އިއްޔެ ކުޅުނު 19 އަހަރުން ދަށުގެ އަންހެން ކުދިންގެ ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗް ގަލޮޅު މަދަރުސާ އިން ކާމިޔާބު ކުރި އިރު، ދެ ވަނަ މެޗް ކާމިޔާބު ކުރީ ވިލާ ހައި އިންޓަނޭޝަނަލް ސުކޫލުން ނެވެ.

ސޯޅަ ސްކޫލަކުން ޖުމަލް 28 ޓީމް ވާދަ ކުރާ މުބާރާތް ތިން އުމުރުފުރައަކަށް ބަހާލާފައި ވާއިރު، އެ އުމުރު ފުރާތަކަކީ ފިރިހެން އަދި އަންހެން ދެބައި އެކޮށް ވާދަކުރާ، 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

މިމުބާރަތުގެ ކުޅުން މިއަދު ވެސް ކުރިއަށް ދެ އެވެ.