އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކާމިޔާބު ކުރައްވައި ދެ ވަނަ ދައުރަކަށް ވެރިކަމުގެ ހުވާ އެމަނިކުފާނު ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސަ އެގޮތަށް ވިދާޅުވީ "ޕީޕީއެމް ރާސްޓަސް" ނަމުގައި ގަލޮޅުގައި ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.

ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނީ "އެއް ލަކިން" ކަމަށެވެ.

ރިޔާސީ އިންތިހާބަށްޓަކާ އަޅުގަނޑުމެން ތައްޔާރުކޮށްގެން މިތިބަ ޓާގެޓް މިއޮތީ ހަމަ ހަގީގަތުގައި ވެސް ދިމާވެފަ. ﷲ އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީން 2018ގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ހުވާ ކުރާނެކަން ޔަގީން،ރައީސް ޔާމީން

"ރިޔާސީ އިންތިހާބަށްޓަކާ އަޅުގަނޑުމެން ތައްޔާރުކޮށްގެން މިތިބަ ޓާގެޓް މިއޮތީ ހަމަ ހަގީގަތުގައި ވެސް ދިމާވެފަ. ﷲ އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީން 2018ގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ހުވާ ކުރާނެކަން ޔަގީން،" ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މޫސަ މިރޭ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ޓާގެޓު ހާސިލުވެފައިވާ ކަމަށާއި އެކަން ހާސިލުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ކަމަށެވެ. މޫސަ ވިދާޅުވި ގޮތުގައި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ނުކުތީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 67 ޕަސެންޓް ކަމަށެވެ. ވޯޓުލާން ނުކުތް މީހުންގެ ތެރެއިން 44 ޕަސެންޓް ވޯޓު ލިބުނީ ސަރުކާރު ހިންގާ ޕީޕީއެމަށް ކަމަށް މޫސަ ވިދާޅުވި އެވެ.

މޫސަ އެގޮތަށް ވިދާޅުވެފައި ވަނީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ގޮނޑި އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފައި ވަނިކޮށެވެ. އެމްޑީޕީން 294 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ސަރުކާރު ހިންގާ ޕީޕީއެމަށް ކާމިޔާބުވެފައި ވަނީ 200 އެއްހާ ގޮނޑި އެވެ.

މޫސަ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކަށް "ރަނގަޅަށް ހިސާބު ޖަހަން" ނޭނގެ އެވެ.

"މިބޭފުޅުންނަކަށް އެނގިވަޑައިނުގަންނަވާ ރަނގަޅަށް ހިސާބު ޖަހާކަށް. ރައްޔިތުންގެ ކުރިމަތީގައި ތިމަންނަމެންނަށް ގޮނޑި ލިބިއްޖެއޭ، ގޮނޑި ލިބިއްޖެއޭ ކިޔައި ދެކޮޅަށް ބަލާލިއިރުގާ އާބާދީގެ 67 ޕަސެންޓް މިދިޔަ އިންތިހާބުގައި ވޯޓުލާން ނުކުތީ. ޕީޕީއެމަށް ލިބިއްޖެ 44 ޕަސެންޓް ވޯޓު،" އެމްޑީޕީގެ ޗެއާޕާސްންގެ މަގާމު ވެސް އަދާ ކުރެއްވި މޫސަ ވިދާޅުވި އެވެ.

ދާދިފަހުން ޕީޕީއެމާ ގުޅިވަޑައިގެންނެވި މޫސަ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ގިނަ ބަޔަކު ވޯޓުލާން ނުކުންނާނެ ކަމަށާއި އެ އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ ތެރެއިން އިތުރަށް ސަރުކާރަށް ބޭނުންވާނީ 11 ޕަސެންޓު ވޯޓު ކަމަށެވެ. އިތުރަށް އެ ވަރަށް ވޯޓު ލިބިއްޖެނަމަ ރައީސް ޔާމީނަށް ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.

ޕީޕީއެމް ރާސްޓަސް ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ސަރުކާރުގެ ވަޒީރުންނާއި ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.