އުރީދޫގެ ހާއްސަ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް "ކްލަބު ޕްރިމިއާ ލައުންޖު" ހުޅުވައިފި އެވެ.

އުރީދޫގެ ކްލަބުގެ ޕްރިމިއާ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ހާއްސަ ލައުންޖެއް ހުޅުވީ އެސްބީއައި ހުންނަ ސަރަހައްދު، ބޮޑުތަކުރުފާނު މަގު ހ. މާދޫގަ އެވެ. ހުކުރު ދުވަސް ފިޔަވާ ހަފަތާގެ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 10:00އަށް އެތަނުން ހިދުމަތް ލިބޭނެ އެވެ.

އެ ލައުންޖު މިރޭ ހުޅުވައި ދެއްވީ ލިލީ އިންޓާނެޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު، އާމިރު މަންސޫރެވެ.

އުރީދޫއިން ކްލަބް ޕްރިމިއާ ޕްރޮގްރާމް ތައާރަފު ކުރިތާ ދެ އަހަރު ވެފައިވާއިރު، އުރީދޫއިން ގެންދަނީ އެ ހިދުމަތް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުންނެވެ. މިރޭ ހުޅުވި ލައުންޖަކީ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ހުޅުވި ފުރަތަމަ ލައުންޖެވެ. ލައުންޖަށް ހިދުމަތް ހޯއްދަންދާ މީހުންނަށް ފަސޭހަ ލުއި ގޮތްތަކެއް އުރީދޫއިން ވަނީ ހަމަޖައްސާފަ އެވެ. އެ ލައުންޖަށްދާ ކަސްޓަމަރުން ކޮފީއަށް އިންސާފު ކުރަމުންދާ ވަގުތު ހިދުމަތް ދިނުމަށް އުރީދޫގެ މުވައްޒަފުންދާނީ އެ މީހުންގެ ކަައިރިއަށެވެ.

އެ ލައުންޖު ހުޅުވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން އުރީދޫގެ ސީސީއޯ، ބާލާޖީ ސްރިނިވާސަން ވިދާޅުވީ، އުރީދޫއިން ގަބޫލުކުރާ ގޮތުގައި ކަސްޓަމަރުންނާއި ކުރެވޭ ކޮންމެ މުއާމަލާތެއްގައި ކަސްޓަމަރުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސް ދެވެންވާނެ ކަމަށެވެ. ކަސްޓަމަރުންގެ ތަޖުރިބާތަށް ފުރިހަމަ ކުރުމުގެ ބިންގަލަކީ، އެ މީހުންގެ ހިޔާލު ހޯދައި އެއަށް ބިނާކޮށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުންކަމުގައި ވެސް ސީސީއޯ ވިދާޅުވި އެވެ.

"ފަހުގެ ޓެކްނޮލޮޖީ މެދުވެރިކޮށް އަދި އަޅުގަނޑުމެންގެ ޓީމާއި ކުރާ މުއާމަލާތްތައް މެދުވެރިކޮށް، އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނި ކަސްޓަމަރުން ގަޔާވާ، އުފެއްދުންތެރި ތަޖުރިބާ ތަކާއި ގުޅުވާލަދިނުން،" ސީސީއޯ ބާލާޖީ ވިދާޅުވިއެވެ.

އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ހިދުމަތްތަށް މި ލައުންޖުން ލިބުމުގެ އިތުރުން ސްމާޓް އެކްސެސް މެދުވެރިކޮށް މެންބާޝިޕް ކާޑު ބޭނުންކޮށްގެން ކްލަބް ޕްރިމިއާ ލައުންޖަށް ވަދެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. ޑިޖިޓަލް ފޯމްތަށް މެދުވެރިކޮށް، އުރީދޫގެ ކޮންމެ ހިދުމަތެއް ވެސް ފަސޭހަކަމާއެކު ހިޔާރު ކުރެވޭނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.

ކްލަބް ޕްރިމިއާއަކީ އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންނަށް ތަފާތު ޕާޓްނަރުންނާއި ގުޅިގެން އިތުރު ފައިދާތަކާއެކު، އިތުރު ފަސޭހަތަކެއް ފޯރުކޮށްދެމުންދާ ހިދުމަތެކެވެ.