އއ މަތިވެރި ސުކޫލުގެ ޕްރައިމެރީ ޓީޗަރަކު މޫނު ބުރުގާ އަޅާތީ ވަޒީފާއިން ވަކިކޮށްފި އެވެ.

ވަޒީފާއިން ވަކިކޮށްފައި ވަނީ އެރަށު ދޫރެސް އައިޝަތު ސުޒީ، 19 އެވެ. އޭނާ ވަޒީފާއިން ވަކިކުރި އިރު އެއީ މަތިވެރީ ސުކޫލުގެ ގްރޭޑް ދެއަކަށް ކިޔަވައި ދެމުންދާ ޓީޗަރެކެވެ.

ސުޒީ ވަޒީފާއިން ވަކިކޮށް ސިވިލް ސާވިސް ކޮމިޝަނުން ފޮނުވާފައިވާ "ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓު"ގައި ބުނެފައި ވަނީ އެނާ ވަޒީފާއިން ވަކިކުރީ ސިވިލް ސާވިސް ގަވާއިދުގެ 271 ވަނަ މާއްދާގެ (ނ) ގެ 20 ވަނަ ނަމްބަރަށް ރިއާޔަތްކޮށް ސިވިލް ސާވިސް ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ ތިން ވަނަ ނަމްބަރުގެ ދަށުން ކަމަށެވެ.

ސިވިލް ސާވިސް ގަވައިދުގެ 271 ވަނަ މާއްދާގެ (ނ) ގެ 20 ވަނަ ނަމްބަރުގައި ބުނެފައި ވަނީ ސިވިލް ސާވިސް ގާނޫނާއި ގަވާއިދާ ކޯޑް އޮފް ކޮންޑަކްޓާއި އަދި ހަދާފައިވާ ޕޮލިސީތަކާއި ގަސްތުގައި ހިލާފުވުމަކީ ކުށެއް ކަމަށެވެ.

ސިވިލް ސާވިސް ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ ތިން ވަނަ ނަމްބަރުގައި ބުނެފައި ވަނީ ސިވިލް ސާވިސް ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއި އަދި ހަދާފައިވާ ޕޮލިސީތަކާއި ގަސްތުގައި ހިލާފުވުމަކީ ވަޒީފާއިން ވަކިކުރެވޭނެ ސަބަބެއް ކަމަށެވެ.

ސުޒީ މިއަދު 'ސަން' އަށް ބުނީ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު ފޮނުވުމުގެ ކުރިން އަނގަ ބަހުންނާއި ލިޔުމުން އިސްލާހު ކުރުމަށް އިންޒާރު ދިން ކަމަށެވެ.

މީގެ ކުރިން ވެސް ސިވިލް ސާވިސް ކޮމިޝަނުން ވަނީ މޫނު ބުރުގާ އެޅި ފަރާތްތައް ވަޒީފާއިން ވަކިކޮށްފަ އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ސިވިލް ސާވިސްގެ ގާނޫނާ ގަވައިދާ ހިލާފު ވުމެވެ.