13 Aug 2017, 17:06
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ)ގެ މައްޗަށް ހަތަރު ދުވަސްތެރޭގައި ދައުވާ އުފުލުމަށް ކްރިމިނަލް ކޯޓުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގައިފިއެވެ.
ހަތަރު ދުވަސްތެރޭ ދައުވާ އުފުލުމަށް ކޯޓުން ޕީޖީއަށް އެންގީ ވައްޑެގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.
މިއަދު ވަނީ ވައްޑެގެ ބަންދަށް އިތުރު ހަތަރު ދުވަސް ކޯޓުން ޖަހައިދީފައެވެ. ވައްޑެގެ ބަންދަށް ހަތަރު ދުވަސް މިއަދު ޖަހާފައިވަނީ އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖެހި 15 ދުވަސް ހަމަވުމުން މިދިޔަ ބުދަ ދުވަހު އިތުރު ކުރި ހަތަރު ދުވަހުގެ މުއްދަތުވެސް ހަމަވުމުންނެވެ.
ވައްޑެ ހައްޔަރުކޮށްފައިވަނީ، ފުލުހުންގެ ސަފު ފޫއަޅުވާލައި ރައްޔިތުންގެ މަޖިލިސް ކުރާ ގެއަށް ވަން ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުގައެވެ.
އޭނާ ހައްޔަރު ކުރަން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހުގެ ގޯތިތެރެއަށް ވަން މައްސަލާގައި ކަމަށާއި އޭނާ ހައްޔަރު ނުކޮށް، ބަހައްޓައިފިނަމަ މުޖުތަމައުއަށް ނުރައްކާވެ، ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމަށެވެ. އެ އަމުރުގައި ބުނެފައިވާ ގޮތުން ވައްޑެއަކީ މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް މަޖިލީހުން ކަނޑައަޅާފައިވާ މީހެކެވެ.
އިލެކްޝަންސް ކޮމިޝަނުން، ވައްޑެއަކީ ގޮނޑި ގެއްލިފައިވާ މެމްބަރެއް ކަމަށް ކަނޑައެޅުމުން އެ މައްސަލަ ސުޕްރީމް ކޯޓަށްވަނީ ހުށަހަޅައިފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފައެވެ. މިއަދުގެ އަޑުއެހުން ނިންމަމާލައްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.