ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތަކަށް ވަތް މީހަކު، އެ ޝަރީއަތުގެ ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ސޫރަ ކުރެހުމުން ޖޫރިމަނާކޮށްފި އެވެ.

ސުޕްރީމް ކޯޓުން ޖޫރިމަނާކޮށްފައި ވަނީ އާދަމް މަނިކު ނަމަކަށް ކިޔާ އެމްޑީޕީގެ ސަޕޯޓަރެކެވެ. އޭނާ ޖޫރިމަނާ ކުރީ 2،500 ރުފިޔާއިންނެެވެ.

އޭނާ ޖޫރިމަނާ ކުރީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މެމްބަރުކަމުގެ ގޮނޑީގެ ސައްހަކާމާމެދު ސުވާލު އުފެއްދާފައިވާތީ އެ މައްސަލާގައި މިއަދު ބޭއްވި އެންމެ ފަހު އަޑުއެހުމަށް ވަދެ، ޝަރީއަތް ސިފަވާ ގޮތަށް ކުރިހެކި ކަމަށް ބުނެ އެވެ.

އާދަމް މަނިކު ކުރަހާފައި ވަނީ ފަސް ފަނޑިޔާރުންގެ ބެންޗާއި އެ ބެންޗުގެ ގޮނޑިތަކުގައި އިށީންދެވަޑައިގެން ތިއްބެވި ފަނޑިޔާރުންގެ ސޫރަ އެވެ. ޝަރީއަތުގެ މަންޒަރު ސިފަވާ ގޮތަށް އޭފޯ ސައިޒުގެ ހުދު ގަނޑެއްގައި ކޯޓުގައި އިދެ، ފަންސުރުން އޭނާ ކުރަމުން ދިޔަތަން ޝަރީއަތް އަޑުއަހަން ވަދެތިބި ނޫސްވެރިންނަށް ފެނުނެވެ.

ޝަރީއަތުގެ މެދުތެރެއިން ކޯޓުގެ އޮފިސަރަކު ވަނީ އާދަމް މަނިކު ކުރެހި ގަނޑާއި ފަންސުފު އަތުލާފަ އެވެ. އެ އޮފިސަރު އޭނާ ކައިރީގައި ބުނީ "ތިއީ ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން: އަޑުއެހުމަކަށް ވަދެ، ފަނޑިޔާރުންގެ ސޫރަ ކުރެހި މީހާ ވަނީ ޖޫރިމަނާކޮށްފައި -- ސަން ފައިލް ފޮޓޯ

ފަސް ފަނޑިޔާރުންގެ ބެންޗާއި އެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ އިސްތަށިފުޅުން މައްޗަށްވާ ގޮތަށް ފާރުގައި ލިޔެވިފައިވާ ކީރިތި ގުރުއާނުގެ އާޔަތް ވެސް އާދަމް މަނިކުގެ ކުރެހުމުގައި ހިމަނާފައިވެ އެވެ. އެ އާޔަތަކީ އަދުލަށް ހުކުމް ކުރުމަށް ގުރުއާނުގައި ބަޔާންކޮށްފައިވާ އާޔަތެކެވެ.

ޝަރީއަތް ނިމުމާއެކު، އޭނާ ޖުރިމާނާ ކުރިކަން ސުޕްރީމް ކޯޓުން ވަނީ އަންގާފަ އެވެ.

ޝަރީއަތުގެ މަޖިލިސް ސިފަވާގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޫރަ ކުރެހި މީހާ ޖުރިމަނާކޮށްފައި ވަނީ ކޯޓުތަކާ ބެހޭ ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން، ޝަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލެއް ކުރި ކަމަށް ބަލައިގެންނެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު: 76 ވަނަ މާއްދާ

ޝަރީއަތުގެ މަޖިލިސް ހިނގަމުންދަނިކޮށް، ކޯޓުގެ އިޒުނައެއް ނެތި ޝަރީއަތުގެ މަޖިލީހުން ނުކުމެ، ނުވަތަ މަޖިލީހުގެ ނިޒާމާ ހިލާފުވާފަދަ އަމަލެއް މީހަކު ހިންގައިފިނަމަ، ނުވަތަ ޝަރީއަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެނަމަ އެކަމުގެ ކުޑަބޮޑު މިނަށް ބަލައި ތިރީގައިވާ ގޮތުގެ މަތިން ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެ އެވެ.

  • (ހ) 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން.
  • (ށ) 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަަކަށް ޖަލަށްލުން ނުވަތަ އެއް މަސް ދުވަހަވުރެ، ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން.

އާދަމް މަނިކު ކުރެހި ކުރެހުމުގައި ހިމަނާފައި ވަނީ ހަމައެކަނީ ފަސް ފަނޑިޔާރުންގެ ސޫރަ އެވެ. ޝަރީއަތުުގައި ދެން ތިއްބެވި އެހެން މީހެއްގެ ސިފަ އަދި ސޫރަ އޭނާ ކުރަހާފައެއް ނުވެ އެވެ.

އޭނާ ކުރެހި ކުރެހުމުގައި ހިމެނޭ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.