13 Aug 2017, 14:14
މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި އަންނަ އަންގާރަ ދުވަހަށް ހަމަވާނެއެވެ.
ގައުމީ އިނާމަށް ނަންހުށަހެޅުމަށް ހުޅުވައިލީ ޖޫންމަހުގެ 21 ވަނަ ދުވަހުއެވެ. އިނާމަށް އެދި ހުށަހަޅާ ފޯމުތައް ފޮނުއްވަންޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރާނެއެވެ. އަދި އެއޮފީހުގެވެބްސައިޓުންވެސް ޑައުންލޯޑް ވެސް ކުރެއްވޭނެއެވެ.
ޤައުމީ އިނާމު ދިނުމުގައި، ސަރުކާރުގެ މެނިފެސްޓޯގައިވާ ހާއްސަ ލަނޑުދަނޑިތަކެއްވަނީ ކަނޑައަޅައިފައެވެ. އެ ލަނޑުދަނޑިތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި އަންހެނުންނާއި ޒުވާނުންގެ ދާއިރާއާ ގުޅޭ ކަންކަމަށް ވަރަށްބޮޑު އިސްކަމެއް މިއަހަރުވެސް ދީފައިވެއެވެ.
ރާއްޖޭގައި ތިބި އެކި ފަންނުގެ ހުނަރުވެރިންނަށް ފުރުޞަތު ދިނުމަށްޓަކައި އިނާމުދެވޭ ދާއިރާތަކުގެ ތެރޭގައި، މިދިޔަ އަހަރެކޭ އެއްގޮތަށް، ޒުވާނުންނާއި އަންހެނުންގެ ދާއިރާ ވަކިން ހިމަނައި، މި ދެ ދާއިރާއިން އިނާމު ދޭނެ ވަކި ރޮނގުތަކެއް ވަނީ ކަނޑައަޅައިފައެވެ.
ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މިއަހަރުވެސް ޤައުމީ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.