13 Aug 2017, 13:57
ގެސްޓްހައުސް ކޮންފަރެންސްގައި ބައިވެރިވުމުމަށް ހުޅުވާލި ފުރުސަތުގައި ތިން ދުވަސް ތެރޭގައި 100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށް އެ ކޮންފަރެންސް އިންތިޒާމްކުރާ މޯލްޑިވްސް ގެޓްއަވޭސްއިން ބުނެފިއެވެ.
ގެޓްއަވޭސްއިން ބުނީ، ކޮންފަރެންސްގައި ބައިވެރިވުމުގެ މުއްދަތު އޯގަސްޓް 31ގެ ނިޔަލަށް ހަވަވާއިރު، ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 200 ފަރާތަށްކަމަށެވެ
"200 ބައިވެރިން ހަމަވުމާއެކު އޮޓްމެޓިކަލީ ރެޖިސްޓްރޭޝަން ބަންދުވާނެ،" މޯލްޑިވްސް ގެޓްއަވޭސްއިން މައުލޫމާތު ދެއެވެ.
މިހާތަނަށް ރެޖިސްޓާކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެކި ސައިޒްގެ އެކި ފެންވަރުގެ ގެސްޓްހައުސްތައް ހިމެނޭކަމަށް މޯލްޑިވްސް ގެޓްއަވޭސްއިން ބުނެއެވެ.
އެ ކުންފުނިން ބުނީ، ގެސްޓްހައުސް ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތަކަށް ގެސްޓްހައުސް މޯލްޑިވްސް މެގަޒިންގެ 2018 ވަނަ އަހަރުގެ އަދަދުގައި ހިލޭ ލިސްޓުކުރުމުގެ ފުރުސަތު ލިބޭނޭ ކަމަށެވެ.
ގެސްޓްހައުސް މޯލްޑިވްސް މެގަޒިނަކީ ރާއްޖޭގެ ގެސްޓްހައުސްތަކާ ބެހޭ ގޮތުން ނެރެވޭ ހަމައެކަނި ޕްރިންޓް މެގަޒިނެވެ. އެ މަޖައްލާގެ 5،000 އަށް ވުރެ ގިނަ ކޮޕީ، ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހައި، ރާއްޖޭގެ ގެސްޓްހައުސްތައް މާކެޓު ކުރެއެވެ.
ސެޕްޓެމްބަރު 23ވަނަ ދުވަހު ބާއްވާ ގެސްޓްހައުސް ކޮންފަރެންސްގެ ހަވާސާގައި ވިޔަފާރި އާއި ނެޓްވޯކިންގް ބައްދަލުވުންތަކާއި އެޑިއުކޭޝަން ސެޝަންތައް ކުރިޔަށް ދާނެއެވެ. މި އިވެންޓުގައި ބައިވެރިވާނީ ހަމައެކަނި ދައުވަތު އެރުވިގެންވާ ފަރާތްތަކެވެ. އަދި މި ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތައް ކަނޑައަޅާނީ ވަކި ޝަރުތުތަކެއް ހަމަވެ، އެކަން ވެރިފައި ކުރެވިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިއީ މިފަދަ ގޮތަކަށް ރާއްޖޭގެ ގެސްޓްހައުސްތަކަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ ހަމައެކަނި ހަރަކާތެވެ. މި ކޮންފަރެންސް އެންމެ ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ އަހަރުއެވެ.
މިއަހަރުގެ ގެސްޓްހައުސް ކޮންފަރެންސަށްފަހު އޮންނަ ގާލާގައި، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން ވެސް އޮންނާނެ އެވެ. މި އެވޯޑު ހަފްލާއަކީ ރާއްޖޭގައި އެންމެ ރަނގަޅު ގެސްޓްހައުސްތައް ފާހަގަކޮށް، ދޭ އެވޯޑެކެވެ. މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާފުށީގައި ކަމަށް މަޓާޓޯއިން މައުލޫމާތު ދެއެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017ގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.