ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ރާއްޖެ އާއި ދެކޮޅަށް ކުޅެ، ރަނގަޅު ނަތީޖާއެއް ނެރުމުގެ ހިތްވަރު ކުޅުންތެރިންގެ ކިބައިގައި އެބަހުރި ކަމަށް އިރާންގެ ކޯޗް ޕޯޗުގަލްގެ ކާލޮސް ކުއެރޮޒް ބުނފި އެވެ.

ރާއްޖޭ ގަޑިން މިރޭ 8:00 ޖަހާއިރު އިރާންގެ ވެރިރަށް ތެހެރާންގެ އަޒާދީ ސްޓޭޑިއަމްގައި ކުޅޭ މެޗާ ބެހޭގޮތުން އިރާންގެ ނޫހެއްގައި ކޯޗް ކާލޮސް ކުއެރޮޒް ބުނެފައި ވަނީ، ދިވެހި ޓީމް ބަލިކުރުމުގެ ހިތްވަރު އިރާންގެ ކުޅުންތެރިންގެ ކިބާގައި އެބަހުރި ކަމަށާއި އެގޮތުން މިއަދުގެ މެޗަށް ނިކުންނާނީ މެޗް ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށެވެ.

"ކުޅުންތެރިން ތިބީ މެޗް ކާމިޔާބު ކުރަން. އަހެރެންގެ ކުޅުންތެރިންގެ ކިބާގައި ރާއްޖެ ބަލިކުރެވޭ ވަރުގެ ހިތްވަރު އެބަހުރި. މެޗްގައި އަހަރެންގެ ކުޅުންތެރިން ދައްކާނީ ރީތި އަދި މޮޅު ކުޅުމެއް،" އިރާންގެ ކޯޗް ކާލޮސް ކުއެރޮޒް ބުނެފައިވެ އެވެ.

ތިން ފަހަރު އޭޝިއަން ކަޕް ކާމިޔާބުކޮށްފައިވާ އީރާން މިރޭ ރާއްޖެއާ ދެކޮޅަށް ނިކުންނަ އިރު، އިރާންގެ ވެރިރަށް ތެހެރާންގައި މެޗް ކުޅޭ ސްޓޭޑިއަމް އަކީ ނަވާރަސަތޭކަ ހަތްދިހަ ހަތަރު ވަނަ އަހަރުގެ އޭޝިއަން ގޭމްސްއަށް ހެދި ސްޓޭޑިއަމްއަކެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ދިހަ ސްޓޭޑިއަމްގެ ތެރޭގައި ހިމެނޭ އެއް ސްޓޭޑިއަމަށް ވުމުގެ އިތުރުން އޭޝިޔާގެ ހަތަރު ވަނަ އަށް އެންމެ ބޮޑުސްޓޭޑިއަމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މެދު އިރުމަތީގެ އެންމެ ބޮޑު ސްޓޭޑިއަމްގެ ގޮތުގައި ވެސް މި ސްޓޭޑިއަމް ވަނީ ފާހަގަ ކުރެވިފަ އެވެ.

ދުނިޔޭގެ ރޭންކިންގައި މި ވަގުތު 43 ވަނައިގައި އޮތް އީރާން ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕު ކޮލިފައިންގައި ސީރިއާގައި ކުޅުނު މެޗުގައި ދިވެހިރާއްޖެ ކޮޅަށް ވަނީ 17 ލަނޑު ވައްދާލައިފަ އެވެ. އަދި އީރާނުގައި ކުޅުނު ދެވަނަ މެޗުގައި ރާއްޖެ ކޮޅަށް އީރާނުން ނުވަ ލަނޑު ޖެހި އެވެ.

ވޯލްޑް ކަޕް ކޮލިފައިންނަށް ކުޅޭ ފުރަތަމަ ލެގުގެ މެޗް މިއަދު އިރާންގައި ކުޅޭ އިރު ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހި ފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު މާލޭގަ އެވެ.