23 Jul 2011, 09:38
އޮސްލޯ : (23 ޖުލައި ) : ނޯވޭގެ ވެރިރަށް އޮސްލޯގައި އިއްޔެ ހަވީރު ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 7 މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެއެވެ. ނޯވޭ ފުލުހުން ބުނިގޮތުގައި އިތުރު ބޮމެއް ނޫނީ ބޮންތަކެއް ގޮއްވާލާފާނެ ކަމުގެ ބިރުހީވެފައިވާތީ މަގުތަކަށް ނުކުމެ ނޫޅުމަށް އޮސްލޯގެ ރައްޔިތުންނަށްވަނީ އިލްތިމާސް ކުރެވިފައެވެ.
މިބޮން ގޮއްވާލި ސަރަޙައްދުގައިވާ ސަރުކާރުގެ ޢިމާރާތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ބޮމުގެ މިޙާދިޘާއަށްފަހު އޮސްލޯގެ ހުޅަނގު އުތުރުގައިވާ އޮޓޯޔާ ޖަޒީރާގައި ފުލުހުންގެ ހެދުން ލައިގެންހުރި މީހަކު ދިން ބަޑީގެ ޙަމަލާތަކެއްގައި މަދުވެގެން 20 މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމް ވެފައިވެއެވެ. އޮޓޯޔާގައި ބަޑީގެ ޙަމަލާތައް ދިންއިރު ނޯވޭގެ ލޭބަރޕާޓީގެ ޒުވާނުންގެ ގޮފީގެ ބައްދަލުވުމެއް އެރަށުގައި ކުރިޔަށް ދިޔަކަމަށް ޚަބަރުލިބެއެވެ.
މިޙަމަލާތަކަށްފަހު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ނޯވޭގެ ބޮޑުވަޒީރު ޖެންސް ސްޓޮލެންބާރގް ވިދާޅުވީ ޤައުމު އޮތީ ވަރަށް ޚުތޫރަތްތެރި ޙާލަތެއްގައި ކަމަށާ އޭނާވެސް މިވަގުތު ހުންނެވީ ސިއްރުތަނެއްގައި ކަމުގައެވެ.
ނޯވޭއަކީ ނޭޓޯއިން ލީބިޔާއަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި ބައިވެރިވާ ޤައުމެކެވެ. ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީވަނީ ނޭޓޯގެ ޢަސްކަރީ ބާރުތަކުން ލީބިޔާއަށް ކޮންމެ ދުވަހަކު ބޮންއަޅައި ލީބިޔާގެ އެތަން މިތަން ހަލާކުކޮށް މީހުން މަރަމުންގެންދާއިރު ނޭޓޯގެ ޤައުމުތަކަށްވެސް ދެވުނު ގޮތަކަށް ޙަމަލާދިނުމުގެ ޙައްޤު ލީބިޔާއަށްވެސް އޮންނާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
އަދި ލީބިޔާއަށް ބޮންއަޅާފައި ނޭޓޯގެ ޤައުމުތަކަށް އަމާންކަމުގައި ނޯވެވޭނެ ކަމުގެ އިންޒާރު ވެސް ގައްޒާފީ ދެއްވާފައިވެއެވެ. ނަމަވެސް ނޯވޭއަށް ދިން މިޙަމަލާތަކުގެ ފަހަތުގައިވާ ފަރާތެއް އަދި އެނގިފައެއް ނުވެއެވެ. (ރޮއިޓާސް)