12 Aug 2017, 19:15
އާރްއޯއެލްގެ އައު ފްރަންޓް އޮފީސް ހުޅުވައި ވެބްސައިޓް އިފްތިތާހް ކޮށްފިއެވެ.
މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ފްރަންޓްއޮފީސް ހުޅުވައި ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލެވެ.
ދިވެހިންގެ ނެޓްވޯކެއްގެ ގޮތުގައި އާރްއޯއެލް އިން ޚިދުމަތްދެމުން އަންނަތާ ދިހަ އަހަރުވެފައިވާއިރު އައު އޮފީސް ހުޅުވައި ވެބްސައިޓް އިފްތިތާހު ކުރުމަކީ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް އެތަނުގެ މާކެޓިން ހެޑް މަނާލް ލަތީފް ވިދާޅުވިއެވެ.
މިއަދު އިފްތިތާހު ކުރި ވެބްސައިޓާއެކު ކަސްޓަމަރުންނަށް ވަރަށްބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މައި އާރްއޯއެލް ވެބްސައިޓް މެދުވެރިކޮށް ބިލް ދެއްކުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އެ ޚިދުމަތަށް އިތުރު ލުޔެއް ގެނައުމުގެ ގޮތުން އޭގެ އެޕްލިކޭޝަން ވެސް މި މަސް ނިމުނުގެކުރިން ތައާރަފްކުރާނެ ކަމަށް މަނާލް ވިދާޅުވިއެވެ.
މިއަދު ފުރަތަމަ ފްރަންޓްއޮފީސް ހުޅުވިނަމަވެސް ކުރިއަށް އޮތްތާގައި އާރްއޯއެލްގެ އައުޓްލެޓްތަކެއް ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާރު މާލެ އަތޮޅުގެ ރަށްތަކަށް ދެމުން އަންނަ އާރްއޯއެލްގެ ޚިދުމަތް މި އަހަރު ނިމުމުގެ ކުރިން މުޅި ގައުމަށް ފުޅާކުރާނެ ކަމަށް މަނާލް ވިދާޅުވިއެވެ.
"ބިލްޕޭ ކުރުން، ޚިތުމަތްތަކަށް ބޭނުންވެގެން އަންނަ ބޭފުޅުންނާއި މައުލޫމާތު ސާފުކުރަން ބޭނުންވާ ބޭފުޅުން މި އޮފީހަށް ވަޑައިގަތުމުން ޚިދުމަތް ލިބިގެންދާނެ. އަދި މިހާރުވެސް ވެބް ބޭސްޑް އެޕްލިކޭޝަނެއް އިންނާނެ ހަމަ ފޯނުންވެސް ވަދެލާފަ ބިލް ޕޭ ކޮށްލެވޭނެ އެހާވެސް ފަސޭހަވާނެ،" މަނާލް ވިދާޅުވިއެވެ.
އާރްއޯއެލްއަކީ ދިވެހިންގެ މެނޭޖްމަޓްއެއްގެ ދަށުން ކުރިޔަށްގެންދާ ދިވެހިވަންތަ ނެޓްވޯކްއެކެވެ. މިއަދު ހުޅުވި އޮފީހާއެކު އާރްއޯއެލްއިން އަބަދުވެސް އިސްކަންދެނީ ދިވެހީންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް އާރްއޯއެލް އިން ބުންޏެވެ.