12 Aug 2017, 17:48
ވޮޝިންޓަން (އޮގަސްޓް 12): އެމެރިކާގެ ކެލިފޯނިއާގެ ފުލުހުން، މުސްލިމް އަންހެނަކު ބުރުގާ ނަގަން މަޖުބޫރު ކުރި މައްސަލައެއްގައި އެއަންހެންމީހާއަށް ބަދަލެއްގެ ގޮތުން 85،000 ޑޮލަރު ދޭން ކޯޓުން އަމުރުކޮށްފި އެވެ.
ކާސްޓީ ޕަވެލް، ލޯންގް ބީޗް ސިޓީގެ ކޯޓަށް ހުށަހެޅި މައްސަލައިގައިވާ ގޮތުން 2015 ވަނަ އަހަރު ފުލުހުން އޭނާ ހައްޔަރު ކުރުމަށް ފަހު ވަނީ އެހެން ފިރިހެން ފުލުހުންނާއި ގައިދީންގެ ކުރިމަތީގައި ބުރުގާ ނަގަން މަޖުބޫރުކޮށްފަ އެވެ. އަދި އޭނާ ފާސް ކުރުމަށް އަންހެން ފުލުހަކު ފޮނުވައި ދިނުމަށް އެދުނު ނަމަވެސް، އޭނާ ހައްޔަރު ކުރި ފުލުހުން އެގޮތަށް އަމަލުކޮށްފައި ނުވެ އެވެ.
އެމައްސަލައާ ގުޅިގެން ލޯންގް ބީޗްގެ ޕޮލިސް ޑިޕާޓްމެންޓުން ވަނީ އެޑިޕާޓްމެންޓުގެ ސިޔާސަތު ބަދަލުކޮށްފަ އެވެ. އެގޮތުން އަންހެނެއްގެ ބުރުގާ ނަގަން ޖެހޭނީ "ފުލުހުންގެ ސަލާމަތަށްޓަކައި ކޮންމެހެންވެސް ބުރުގާ ނަގަން ޖެހުމުން" ކަމަށާއި އެފަދަ ހާލަތެއްގައި ބުރުގާ ނަގާނި އަންހެން އޮފިސަރެއް ކަމަށް އެޑިޕާޓްމެންޓުން ބުނެ އެވެ.
ޕަވެލް ހައްޔަރު ކުރީ ފިހާރައަކުން ވައްކަން ކުރި މައްސަލައެއްގައި އެވެ. އަދި އޭނާ ހައްޔަރު ކުރުމަށް އޭރު ތިން އަމުރެއް ނެރެފައިވާ ކަަމަށާއި ނަމަވެސް މިހާރު އެއަމުރުތައް ބާތިލުކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)