23 Jul 2011, 09:30
ސިރްތު (ޖުލައި 22 ) : ލީބިޔާގެ އައްސޭރިފަށުގެ ރަށެއްކަމަށްވާ ސިރްތުގައި ވާހަކަ ދައްކަވަމުން ޤައްޒާފީ ވިދާޅުވީ ލީބިޔާގެ މުސްތަޤްބަލް ކަނޑައެޅުމުގައި އިދިކޮޅު ފަރާތްތަކަށް އެއްވެސް ދައުރެއް ނޯންނާނެ ކަމަށް. އަދި އިދިކޮޅު މީހުންނަކީ ޚިޔާނާތްތެރިން ކަމާށާއި އެމީހުން ނައްތާލުމަށް ޓަކައި ހަތިޔާރުގައި ހިފުމަށް ލީބިޔާގެ ޤަބީލާތަކަށް ގައްޒާފީ ގޮވާލެއްވި އެވެ.
އަނެއްކޮޅުން ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ވެރިރަށް ޓްރިޕޮލީގެ ދެކުނުން އެ ރަށާ ވިއްސަކަށް ކިލޯ މީޓަރާ ގާތްވެއްޖެ ކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެ އެވެ. ނަމަވެސް ޓްރިޕޮލީ އަށް ޙަމަލާ ދިނުމަށް ޓަކައި ވަރަށް ބޮޑަށް ތައްޔާރުވެ، އިތުރު ހަތިޔާރު ބޭނުންވާނެ ކަމަށް ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު އިންތިޤާލީ މަޖިލީހުން ބުނެ އެވެ.
ނަމަވެސް ލީބިޔާގެ ވަރަށް ގިނަ ރަށްތަކުގެ ރަށްބޭރުގައި ގައްޒާފީގެ ބާރުތަކުން މައިންތައް ހަރުކޮށްފައިވާތީ އިދިކޮޅު ހަނގުރާމަވެރިންގެ ކުރިއެރުމަށް ހުރަސްއެޅިފައިވާ ކަމަށް އެމީހުން ބުނެ އެވެ.
އިންތިޤާލީ މަޖިލީހުގެ މީޑިޔާ ކޯޑިނޭޓަރު މަޙްމޫދް އައްޝައްމާމް އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ގައްޒާފީއަށް އޮތީ ބައިނަލްއަޤްވާމީ ޢަދާލަތާއި އަދި ލީބިޔާ ރައްޔިތުންގެ ޢަދާލަތާ ކުރިމަތިލުން ކަމަށާއި ގައްޒާފީ އަށާއި އޭނާގެ އިސްއެހީތެރިންނަށް ސަލާމަތް ނުވެވޭނެ ކަމުގަ އެވެ. (އަލްޖަޒީރާ)