12 Aug 2017, 09:45
ބައްޕަ އަދި ކާމިޔާބު ޑައިރެކްޓަރު/ޕްރޮޑިއުސަރު، މަހޭޝް ބަޓްގެ ފިލްމު 'އާޝިގީ 3'ގައި މަސައްކަތް ކުރުމަށް އާލިއާ ބަޓް ދެކޮޅު ހަދާފައިވާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.
'އާޝިގީ 3'ގެ ލީޑު އެކްޓަރުންގެ ގޮތުގައި ހަމަޖައްސައިފައި ވަނީ އާލިއާ އަދި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބެލެވޭ އެކްޓަރު، ސިދާރްތު މަލޯތުރާއެވެ.
އާލިއާ ފިލްމަށް އިންކާރުކޮށްފައި ވާކަމަށް ޚަބަރުތައް ބުނަން ފެށީ، އޭނާ ވަރަށް ބޮޑަށް ބިޒީވުމުގެ ސަބަބުންނެވެ. މި އަހަރު އާލިއާ ތިން ފިލްމެއްގެ މަސައްކަތް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އެއީ ރަންބީރު ކަޕޫރާ އެކު، އަޔާން މުކަރްޖީގެ 'ޑްރެގަން' އަދި ރަންވީރް ސިންގ އާއެކު 'ގަލީ ބޯއީ' އެވެ. އަދި 'ރާޒީ'ގެ މަސައްކަތް ވެސް އާލިއާ މިހާރު އަންނަނީ ކުރަމުންނެވެ.
މި އަހަރަކީ އާލިއާއަށް ވަރަށް ބިޒީ އަހަރަކަށް ވުމުން، އޭނާގެ ބައްޕަގެ ޕްރޮޑަކްޝަންއަށް އިސްކަން ދިނުމުގެ ބަދަލުގައި، އެހެން ޕްރޮޖެކްޓުތަކަށް ވަގުތު ދިނުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް އާލިއާ ވަނީ އެކަން ދޮގުކޮށްފައެވެ.
އާލިއާ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ފިލްމު ނުކުޅޭނެ ކަމަށް ދުވަހަކުވެސް ބުނެފައި ނުވާނެ ކަމަށާއި، ވާހަކަތައް ފެންމަތިވާން ޖެހުނު ސަބަބެއް ނޭނގޭ ކަމަށެވެ.
އަދި 'އާޝިގީ 3' އަކީ އޭނާގެ ބައްޕަ އާއެކު މަސައްކަތް ކުރަން ލިބޭ ފުރަތަމަ ފަހަރު ކަމަށް ވުމުން، އެކަމާ މެދު ވަރަށް އުފަލުން ހުރި ކަމަށާއި، ވަގުތު ޖެހުމުން ފިލްމުގެ މަސައްކަތް އޭނާ ފަށާނެ ކަމަށް އާލިއާ ވަނީ ބުނެފައެވެ.
މިއީ ސިދާރްތު އަދި އާލިއާ އެކުގައި ފެނިގެންދާނެ ތިން ވަނަ ފިލްމެވެ. އެންމެ ފަހުން ނުކުތް ކާމިޔާބު ފިލްމު 'ކަޕޫރު އެންޑް ސަންސް' ގައިވެސް ދެ ތަރިން ވަނީ އެކުގައި ފެނިގެން ގޮސްފައެވެ.
'އާޝިގީ' ސީރިޒް އަކީ ބޮލީވުޑް ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ފިލްމު ސީރީޒް އެކެވެ. ސީރީޒްގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 1990 ވަނަ އަހަރު އެވެ. ފިލްމުން ފެނިގެން ދިޔައީ ރާހުލް ރޯއި އަދި އަނޫ އަގަރްވާލް އެވެ.
ފިލްމުގެ ދެވަނަ ބައެއް ބެލުންތެރިންނާ ހަމައަށް އައީ އޭގެ 23 އަހަރު ފަހުން 2013 ވަނަ އަހަރު އެވެ. ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެން ދިޔައީ އަދިއްތުޔަ ރޯއީ ކަޕޫރު އަދި ޝްރައްދާ ކަޕޫރު އެވެ.
އެ ދެ ފިލްމަކީ ވެސް ބޮލީވުޑް ބޮކްސްއޮފީހުގައި ކާމިޔާބު ދެ ފިލްމެވެ.